މުންބާއި (އޮގަސްޓް 5): އިންޑިޔާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ މަހާރާޝްތްރާ އަށް ކުރަމުންގެންދާ ވިއްސާރާގައި އެސްޓޭޓްގައި ފެންބޮޑުވެ 20 މީހުން މަރުވެއްޖެ އެވެ.

މަހާރާޝްތްރާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެސްޓޭޓްގެ 863 އަވަށެއްގައި ވަނީ ނުރައްކާ މިންވަރަށް ފެންބޮޑުވެ އާންމުންގެ ދިރިއުޅުމަށް ނުރައްކާވެ އެތައް ސަތޭކަ އަވަށްތަކާއި ވިލެޖްތަކެއްގެ ރައްޔިތުން ވަނީ ގެދޮރު ގެއްލުމުގެ ސަބަބުން ޙާލުގައި ޖެހުމުން ރައްކާތެރި ތަންތަނަށް ގެންދެވިފަ އެވެ. މި ވިއްސާރައިގާ އެންމެ ގިނަ މީހުން މަރުވެފައި ވަނީ ޗާންދްރަޕޫރް އަވަށުންކަމަށް ރިޕޯޓްތައް ބުނެ އެވެ. ޗަންދްރަޕޫރުން އެކަނި ވެސް އަށް ހާސް މީހުންގެ ގެދޮރު ގެއްލިފައިވާ އިރު ފެންބޮޑުވުމުގެ އިތުރުން އުސްތަންތަނުން ކިސަޑު ފޭބުމާ އެކު ބިންގަޑު ކަޑައިގެން ދިޔުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

އިންޑިޔާގެ މޫސުމާ ބެހޭ އިދާރާ ބުނާ ގޮތުން މިއީ މި އަހަރުގެ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ އިންޑިޔާގެ އުތުރުގެ ސްޓޭޓްތަކަށް ވެސް މިދިޔަ މަހުވަނީ ވަރަށްބޮޑަށްކޮށްފަ އެވެ. މަހާރާޝްތްރާ އަށް ކުރަމުންދާ ގަދަ ވިއްސާރައިގައި އެސްޓޭޓްގެ އެތައް ހާސް ހެކްޓަރެއް ފެނުއަޑީގައިވާ އިރު މީގެ ތެރޭގައި ދަނޑު ބިންތައް ވެސް ހިމެނެ އެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން އެ ސްޓޭޓްގެ ރަށްފުށުގެ ސަރަހައްދުތަކުގެ ބޮޑުބައެއްގައި އެއްގަމު ދަތުރުފަތުރުތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އިންޑިޔާގެ މައި ސަރުކާރުން ވަނީ މަރުވި މީހުންގެ އާއިލާތަކަށާއި ގެދޮރު ހަލާކުވި މީހުންގެ ޢާއިލާތަކަށް މާލީ އެހީދޭނެކަން ހާމަކޮށްފަ އެވެ. މިގޮތުން މި ޙާދިސާގައި މަރުވި މީހުންގެ ގެރެއިން ކޮންމެ މީހެއްގެ ޢާއިލާއަށް ތިން ލައްކަ އިންޑިޔަން ރުޕީ އާއި ގެދޮރު ގެއްލުނު ޢާއިލާތަކަށް ވެސް މާލީ އެހީ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)