05 Aug 2013, 10:58
ބޮލަކަށް 205ރ.ގެ މަގުން ފިތުރު ޒަކާތް މިއަދާއި މާދަމާ މާލޭގައި ދޫކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެމިނިސްޓްރީ އިން ބުނީ މިއަދާއި މާދަމާ މެންދުރު 1:00 އިން ފެށިގެން ޒަކާތުގެ ފައިސާ ބަހަން ފަށާނެ ކަމަށާއި ފަގީރުންގެ ގޮތުގައި މާލޭގައި ނަން ނޯޓް ކުރި ފަރާތްތަކުގެ ތެރެއިން މާލެ ވިލިމާލޭގައި އުޅޭ ފަރާތްތަކަށް ޒަކާތުގެ ފައިސާ ދޫކުރާނީ އިސްލާމިކް މަރުކަޒުގެ ޖަލްސާކުރާ މާލަމުން ކަމަށާއި އަދި ހުޅުމާލޭގައި އެފައިސާ ދޫކުރަން ހަމަޖެހިފައި ވަނީ ހުޅުމާލެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީ އިން ބުނީ މާދަމާގެ ނިޔަލަށް ޒަކާތުގެ ފައިސާ ނުނަގާ ނަމަ އެ ފަރާތްތަކުގެ ފައިސާ ވެސް ޒަރޫރީ ބޭނުންތައް ނުފެދޭ ފަގީރުންނަށް ބަހައި ހުސްކޮށްލެވޭނެ ކަމަށެވެ.
އިސްލާމިކް މިިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި 2.6 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މިއަހަރު ލިބިފައިވާ ކަމަށެވެ. އަދި މިއަހަރު ޒަކާތުގެ ފައިސާގެ ގޮތުގައި ބޮލަކަށް ޖެހޭ އަދަދަކީ 205 ރުފިޔާ އެވެ.
ފިތުރު ޒަކާތަކީ އީދު ނަމާދުގެ ކުރިން ބަހައި ހުސްކުރަން ޖެހޭ އެއްޗަކަށް ވާތީ ވީހާ އަވަހަށް އެ ފައިސާ ލިބިގަތުމަށް ފައިސާގެ ހައްގުވެރިންނަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.