05 Aug 2013, 10:45
ބީ52 އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ވީބީ އައްޑޫ އެފްސީ 2-1 އިން ބަލިކޮށް އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ކުރި ހޯދީ އޭވައިއެލް އެވެ. އެ ލަނޑު ކާމިޔާބު ކުރީ، މެޗުގެ 15 ވަނަ މިނިޓުގައި އޭވައިއެލްގެ ސިއަރެލިއޯން ފޯވަޑް، އަބޫ ޑެސްމޮންޑް މަސާރޭ އެވެ. އޭވައިއެލްއިން ލަނޑު ޖެހިތާ ތިން މިނިޓުފަހުން ވީބީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ، ގައުމީ ޓީމުގެ ކުރީގެ ތަޖްރިބާކާރު ފޯވަޑް ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.
އެފްއޭކަޕްގެ ޗެމްޕިއަންކަން 2008 އަދި 2011 ވަނަ އަހަރު ހޯދި ވީބީއަށް ސީޒަން ނިންމާލަން ޖެހުނު ލަނޑަކީ، އެޓީމުގެ ތަޖްރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެޗުގެ 87 ވަނަ މިނިޓުގައި އޭވައިއެލްގެ ފޯވަޑް ބަހާޖަތު އަބްދުލް އަޒީޒް ވީބީގެ ޕެނަލްޓީ އޭރިޔާތެރެއިން ގޯލަށް ފޮނުވާލި ބޯޅަ ދިފާއު ކުރަން ބެންޖޯ މަސައްކަތް ކުރިނަމަވެސް އޭނާގެ ގައިގައި ޖެހިފައި ބޯޅަ ވަނީ ގޯލްގެ ތެރެއަށެވެ.
ރޭގެ މެޗުން މޮޅުވުމުން އޭވައިއެލްއަށް ސެމީ ފައިނަލްގައި ވާދަކުރަން ޖެހޭނީ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ އެވެ.
ކްއާޓާ ފައިނަލްގެ ތިންވަނަ މެޗުގައި މިރޭ ނިއުރޭޑިއަންޓާއި ވިކްޓަރީ ވާދަކުރަން އޮތް މެޗު، ނުކުޅޭނެ ކަމަށް ބުނެ ވިކްޓަރީން ވަނީ އެފްއޭއެމްއަށް އިއްޔެ ސިޓީއެއް ފޮނުވައިފަ އެވެ. ވިކްޓަރީ މެޗު ނުކުޅެފި ނަމަ ނިއުއަށްވެސް ސެމީފައިނަލުން ޖާގަ ލިބޭނެ އެވެ. ވިކްޓަރީ މެޗު ނުކުޅެން ނިންމީ މުސާރައިގެ މައްސަލައިގައި ކުޅުންތެރިން ކުޅެން އިންކާރު ކުރުމުން ނެވެ.
ބީ52 އެފްއޭ ކަޕް ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މާދަމާ ރޭ 10:00ގައި ވާދަކުރާނީ، ބީޖީ ސްޕޯޓްސްއާއި ކްލަބް އީގަލްސް އެވެ.