ރާއްޖޭގައި ޔަމަހާ އިލެކްޓްރިކް ގިޓާ ހޯލްސޭލް ކުރާ ސިކްސް އެކްސްގެ ފަރާތުން ޔަމަހާ އިލެކްޓްރިކް ގިޓާގެ އެމްބެސެޑަރަކަށް ލަވަކިޔުންތެރިޔާ އަދި ގިޓަރިސްޓް އަބްދުއްލާ އީސަ ހަމަޖައްސައިފި އެވެ.

"ގިނަ ކެރިޔާ ވާރޭގާ"ގެ ލަވައިން މަޝްހޫރުކަން ހޯދި އީސައަށް އެންބެސެޑަރުކަން ހަވާލު ކުރީ ސިކްސް އެކްސްގެ ފިހާރައިގައި ހައިރައިސުން ރޭ ބޭއްވި ހަފްލާއެއްގައި އެ ފިހާރައިގެން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޒިޔާން ޒާހިދު އެވެ. އެ ހަފްލާގައި ސިކްސް އެކްސްގެ ފަރާތުން ވަނީ އީސައަށް ހަނދާނީ ފިލައެއްގެ އިތުރުން ޔަމަހާ އިލެކްޓްރިކް ގިޓައެއް ވެސް ހަދިޔާކޮށްފަ އެވެ.

ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ޒިޔާން ވިދާޅުވީ ސިކްސް އެކްސްގެ ފަރާތުން އަބަދުވެސް މިއުޒިކީ ފަންނާނުންގެ ހުނަރު އިތުރަށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި އެގޮތުން ރެއަކީ ސިކްސް އެކްސްގެ ބްރޭންޑުގެ އެންބެސެޑަރުގެ މަގާމަށް ފަންނާނަކު އަންޔަން ކުރި ފުރިތަމަ ފަހަރު ކަމަށެވެ. އަދި ރެއަށްފަހު އީސަ ހުށަހަޅާ ކޮންމެ އިވެންޓެއްގައި ސިކްސް އެކްސްއިން އީސަ ސްޕޮންސާ ކުރާނެ ކަމަށް ވެސް ޒިޔާން ވިދާޅުވި އެވެ.

އީސަ ބުނީ ޔަމަހާ އިލެކްޓްރިކް ގިޓާގެ އެންބެސެޑަރުކަން ލިބުމަކީ ވަރަށް ފަޙުރުވެރިވާ ކަމެއް ކަމަށާއި އަދި ސިކްސް އެކްސްގެ ފަރާތުން ފަންނާނުން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރުއަދާ ކުރާ ކަމަށެވެ.