ޅ. ކުރެންދޫ އާދައާހިލާފަށް ގިރަމުން އަންނާތީވެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމަށް ކުރެންދޫ ކައުންސިލް އިދާރާއިން ބުނެފި އެވެ.

ސަން އޮންލައިނާ ވާހަކަ ދައްކަމުން ކުރެންދޫ ކައުންސިލް މެންބަރު މުހައްމަދު ރަމީޒް އިދްރީސް ވިދާޅުވީ، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ރަށު އިރުމަތި ފަރާތުން ބޮޑުބައެއް ގިރަމުން އަންނަ ކަމަށާއި އެހެން ކަމުން ރައްޔިތުން ތިބީ "ކަންބޮޑުވެ" ބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ.

ރަމީޒް ވިދާޅުވީ، ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ކުރެންދޫގެ ފުޓްބޯޅަ ދަނޑުގެ އެއް އަރިމަތިން ބޮޑުބައެއް ގިރާލާ، ގަބުރުސްތާނާއި ރަށުގައި އެތަކެއް އަހަރު ދުވަސް ވަންދެން ހުރި "ކުރެންދޫ ޒިއާރަތާ" ދިމާއިން ވެސް ބޮޑުބައެއް ގިރާލައި އެ ސަރަހައްދުގައި ހުރި ދިރާގު އެންޓަނާގެ ފާރު ވެސް ވެއްޓި ބޮޑުބައެއް ގިރާލާފައިވާ ކަމަށެވެ.

"ކުރެންދޫގެ ގިރާސަރަހައްދުތައް ހިމާއަތް ކުރަން ބޮޑު ސްޓަޑީއެއް ކުރަން ޖެހޭ. ކުރެންދޫ އާދައާ ހިލާފަށް ގިރަމުން އަންނާތީވެ ރައްޔިތުން ކަންބޮޑިވާކަން ކައުންސިލަށް ވަނީ ފަހަގަ ކުރެވިފައި. އެކަމަށް ހަލެއް ހޯދަން ކައުންސިލް އިދާރާ އިން މީގެ އެތަކެއް ދުވަސް ކުރިން ވާނީ މަސައްކަތް ފަށާފައި. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ވެސް އަންގާފައި. އެކަމަކު ވެސް އަދި ވެސް އެއްވެސް ހައްލެއް ސަރުކާރަކުން ނުލިބޭ." ރަމީޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާދައާ ހިލާފަށް ރަށުގެ ބޮޑުބައެއް ގިރަމުން އަންނާތީވެ، ރަށުގެ ޒުވާނުން އިސްނަގައިގެން ވީހާ ވެސް އަވަސް ހައްލެއް ހޯދުމަށް ނިންމާފައިވުމުން އުފާވާ ކަމަށާއި އެކަމަށް ކައުންސިލް އިދާރާ އިން ޒުވާނުންނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރަމީޒް ވިދާޅުވި އެވެ.

ކުރެންދޫގެ ޒުވާނަކު ބުނީ، ފުޓްބޯޅަ ދަނޑުން ބޮޑުބައެއް ގިރާލާފައި ވުމުން އެކަމަށް އަވަސް ހައްލެއް ހޯދުމަށް ގިނަ ޒުވާނުންތަކެއް ވެގެން މިހާރު މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން އެކަމަކީ މާލީ ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަކަށް ވާތީވެ، އެކަމަށް ބޭނުންވާ ފަންޑު ހޯދުމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ ބައްދަލު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ވެސް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ މިނިސްޓަރު އަހުމަދު އަދީބާ އެކު ރަށުގެ ޒުވާނުންތަކެއް ބައްދަލުކޮށް އެކަމަށް ފަންޑު ހޯދާނެ ގޮތާ ބެހޭ ގޮތުން މަޝްވަރާ ކުރެވި ކަމަށާއި އަދި އެކަމަށް އަދީބު ވެސް އެހީވެ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް އޭނާ ބުންޏެވެ.

ޅ. ކުރެންދޫ އަކީ ކާށިދޫ ބޮޑުކަނޑުގައި، ދެ ކަނޑުއޮޅި މެދުގައި އެއްވެސް ނިވައި ކަމެއް ނެތި އޮތް މީލާދީ ސަނަތު ފެށުމުގެ ދެ ހާސް އަހަރު ކުރިން މީހުން ދިރިއުޅެ، މިހާރު ދެހާހަހެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.