ހިކިކިރާއި ކައްކާ ތެޔޮ އަދި ދޮންނަ ކުނޑި ބަންދުކުރަން އަމިއްލަ ވިޔަފާރިވެރިން ޝައުގުވެރިކަންފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ލުއި އިންޑަސްޓްރީ ތައާރަފްކުރުމަށް ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯނުން ތިން ބިމެއް ދޫކުރަން ނިންމާފައިވާތީ އެކަމާ ބެހޭ ގޮތުން ވިޔަފާރިވެރިންނާ މަޝްވަރާކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގައި ވިޔަފާރިކުރާ އަމިއްލަ ބޮޑެތި ކުންފުނިތަކުން އެބަހުރި ޝައުގުވެރިކަންފާޅުކޮށްފައި. އަޅުގަނޑުމެން ބޭނުންވީ އެކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލުމުގެ ކުރިން ޝައުގުވެރިވާ ފަރާތްތަކަކީ ކޮބައިތޯ. ވަރަށް އަވަހަށް ހުޅުވާލަން މަސައްކަތްކުރަމުން މިދަނީ،" އަހުމަދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕެކްކޮށްގެން ވިއްކަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާއިރު ރޯ މެޓީރިއަލް އާއި ފެކްޓްރީ އަޅަން ގެންނަ ސާމާނަށް ޑިއުޓީ މައާފްކޮށްދެވޭނެ ކަމަށެވެ. އަދި ފުރަތަމަ ފަހަރު ގެންނަ ސްޕެއާޕާޓްސްއަށާއި ޑިއުޓީ މައާފުކޮށްދެވޭނެ ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.

"ސަރުކާރުގެ ހިއްސާ ވީހާ ވެސް ކުޑަކުރުމަށް ފަހު ދިވެހި ވިޔަފާރިވެރިންނަށް އެ ފުރުސަތު ދޭން އަޅުގަނޑުމެން ބޭނުންވަނީ. ރޯދަމަސް ނިމުމާ އެކު އަޅުގަނޑުމެން ބޭނުން ވަނީ ޝައުގުވެރިވާ ބަޔަކު ހޯދަން ހުޅުވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ ތިން ބާވަތުގެ ޕެކޭޖިންގެ މަސައްކަތްތަކަށް ހުޅުމާލެއިން 12،500 އަކަފޫޓުގެ ބިން 25 އަހަރަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.