04 Aug 2013, 19:56
ކުޑަ އަންހެން ކުއްޖަކަށް ބިރުދައްކައި ރޭޕްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ޕޮލިސް މީޑިއާ މެދުވެރިކޮށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުރޭގެ ވަގުތެއްގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ގެއަކަށް ގެންގޮސް އެގޭ ކޮޓަރިއެއްގެ ތެރޭގައި ހަތަރު މީހަކު ވެގެން އެކުއްޖާއަށް ބިރުދައްކައި ރޭޕް ކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ހާދިސާ ހިނގިތާ ދެ ގަޑިއިރު ފަހުން އެރޭ ދަންވަރު 12:50 އެހައިކަންހާއިރު ކަމަށެވެ.
ޝިފާއު ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން އެކުއްޖާއާ ސުވާލުކުރުމުން އޭނާގެ ރައްޓެހި ކުއްޖަކާ ބައްދަލުކުރުމަށް ކަމަށް ބުނެ މީހަކު ގަލޮޅު ގެއެއްގެ ކޮޓަރިއަކަށް އޭނާ ގެންދިޔަ ކަމަށާއި އެއިރު އެ ކޮޓަރީގައި އިތުރު 3 މީހަކު ތިބިކަމަށް އެކުއްޖާ ބުނެފައިވާ ކަމަށެވެ. ދެން އެ ތިން މީހުން އެކުއްޖާ އަށް ބިރުދައްކައި މަޖުބޫރުކޮށްގެން ރޭޕްކޮށް އެމަންޒަރު ވީޑިއޯކޮށް ސިނގިރޭޓް ބޯންދޭން މަސައްކަތް ކޮށްފައިވާ ކަމަށް އެ ކުއްޖާ ތަހުގީގަށް ކިޔައިދީފައިވާ ކަމަށް ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އެ ކުއްޖާ ހާޒިރުވިއިރު އެ ކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ޖިންސީ ގުޅުން ހިންގާފައިވާކަމުގެ ނިޝާންތައް ފެންނަން ހުރިކަމަށެވެ.
ހާދިސާ ހިނގިތަނަށް އެ ރޭ ފުލުހުން ގޮސް އެތަން ބަލައި ފާސްކުރި އިރު އެ މައްސަލައާ ގުޅޭ ބައެއް މާއްދީ ހެކި އެތަނުން ލިބިފައިވާކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.
ޝިފާއު ވިދާޅުވީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހަތަރު މީހަކު 72 ގަޑިއިރުގެ ތެރޭގައި ހޯދައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަކީ ރ. އަލިފުށީ ސީނާ އިސްމާއީލް ނާޒިމް 27، އާއި ޏ. ފުވައްމުލައް، ދިގުވާޑު، އޯސިސް އަސްނަފް މުހައްމަދު 20، ގެ އިތުރުން 18 އަހަރުން ދަށުގެ ދެ ކުއްޖަކު ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ.
އެ މީހުންގެ ތެރެއިން އިސްމާއީލް ނާޒިމަކީ މީގެކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އަސްނަފް މުހައްމަދަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި މައްސަލައަކާއި ވައްކަމުގެ މައްސަލައަކާއި މަސްތުވާތަކެތި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީގެކުރިން ހައްޔަރު ކޮށްފައިވާ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަދަ ހާދިސާއެއް ހިނގައިފިނަމަ ލަސްނުކޮށް ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަކީ މައްސަލައާ ގުޅުންހުރި ހެއްކާއި ގަރީނާ ފަސޭހައިން ހޯދައި މިފަދަ ޖަރީމާތައް ހިންގާ މީހުން ހޯދައި އެފަދަ މީހުންނަށް ލިބެންޖެހޭ ހައްގު އަދަބު ދިނުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށެވެ.
"މި ގައުމުގައި އުޅޭ އެއްވެސް ރައްޔިތަކަށް މިފަދަ ބޮޑު ޖަރީމާއެއް މީހަކު ނުވަތަ ބަޔަކު ހިންގައިފިނަމަ އެކަމެއް ފުލުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ބަލާނެ. މިފަދަ ޖަރީމާ ހިންގާ ފަރާތްތައް ގާނޫނީ ގޮތުން ލިބެންޖެހޭ އަދަބު ދިނުމަށްޓަކައި ތަހުގީގު ކުރުމަށްފަހު އެ މަސައްލައެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،" ޝިފާއު ވިދާޅުވި އެވެ.
:http://www.youtube.com/watch?v=MkY8KJjlTJo