އެއް މިލިއަން ރުފިޔާގެ މަސްތުވާތަކެތި "ރާއްޖެ އެތެރެ ކުރި" ތިން މީހަކު މިއަދު ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެއާޕޯޓުން ހައްޔަރު ކޮށްފައި ވަނީ 23 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއް ކަމަށެވެ. އެ ދެ މީހުން ހައްޔަރު ކޮށްފައި ވަނީ މިއަދު ހެނދުނު އިންޑިއާ ފްލައިޓަކުން ރާއްޖެ އައިސް ސެކިއުރިޓީ ކްލިއަރެންސްތައް ފުރިހަމަކުރުމަށް ފަހު މާލެ ދިއުމަށްޓަކައި އެއާޕޯޓް ފެރީއަށް އަރަން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ އެ މީހުން ހުއްޓުވައި ބަލައިފާސްކުރަނިކޮށް 25 އަހަރުގެ މީހާ އަރައިގެން ހުރި ބޫޓް ތެރެއިން ކަމަށެވެ.

އެ ދެ މީހުންނާ ގުޅުން ހުރި ކަމަށް ބެލެވޭ ތިން ވަނަ މީހަކު ވެސް މިއަދު މާލެއިން ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ އުމުރަކީ 25 އަަހަރު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

"މިތަކެތި އަތުލައިގަތުމަށް ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ވަނީ މިތަކެއްޗާ ގުޅުންހުރި އިތުރު މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ މީހެއް. މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 11:40 ހާއިރު ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލެއިން،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއަދު އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 500 ގްރާމް ހުރި ކަމަށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.