04 Aug 2013, 16:41
އެމްޑީޕީގެ އިގްތިސާދީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުން ނުވަތަ އިންކަމް ޓެކްސް ނެގުމާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ކޯލިޝަނުން އަނެއްކާ ވެސް ވާހަކަ ދައްކައިފި އެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަނުގެ ޔޫތު ސްޕޯކްސް ޕާސަން މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ އެމްޑީޕީ ސަރުކާރުން އިންކަމް ޓެކްސް ނެގުމަށް ނިންމާފައި ވަނީ ރައްޔިތުނަށް ކުރާ ޖެއްސުމުގެ ގޮތުން ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ.
"އިންކަމް ޓެކްސް [އެމްޑީޕީއިން] ނަންގަވާނެ ކަމަށް ވަނީ ހާމަ ކުރައްވާފައި. މިހެން ދަންނަވާ ދެންނެވުމަށް މިއީ ދިވެހި ސަރުކާރަށް އާމްދަނީ އިތުރުކުރުމަށް ރަނގަޅު ގޮތެއް ކަމަށް ފާހަގަކުރުމުގެ ފުރުސަތު އެބަ އޮތް. އެހެން ނަމަވެސް އަޅުގަނޑުމެން ކުރި ދިރާސާތަކާއި އަޅުގަނޑުމެން ބެލި ބެލުމުން މިއީ ދިވެހި ގައުމަށް މާދަމާ އަންނަން އޮތް ޖީލުތަކަށް އެމްޑީޕީ ސަރުކާރުން ކުރާ ޖެއްސުމެއް ކަމަށް އަޅުގަނޑުމެނަށް މި ފާހަގަ ވަނީ،" ޖައުޝަން ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރުގައި 2011 ވަނަ އަހަރު އިއުލާނު ކުރި އިންކަމް ޓެކްސް އާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖައުޝަން ވިދާޅުވީ 30،000ރ. އަށް މަތިން އާމްދަނީ ލިބޭ ފަރާތްތަކުން، ތިން ޕަސެންޓާއި 15 ޕަސަންޓާ ދޭތެރޭގެ ބޭންޑަކުން ޓެކްސް ނެގުމަށް ނިންމާފައިވާ އިރު ރައީސް ނަޝީދުގެ ވެރިކަން ނިމޭއިރު މަތީފެންވަރުގެ މުއްސަނދިންގެ ނިސްބަތް އެއް ޕަސެންޓަށް ވުރެ މަދުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ 150000 ހަމަ އަށް އިންކަމް ޓެކްސް ނެގުމަކީ އެމްޑީޕީގެ ސިޔާސަތު ކަމަށާއި އެއަށް ވުރެ ގިނަ އިން އާމްދަނީއެއް ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގޭނެ ނިޒާމެއް ނެތް ކަމަށް ވެސް ޖައުޝަން ވިދާޅުވި އެވެ.
މަހަކު 30،000ރ. އަށް ވުރެ ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުން އިންކަމް ޓެކްސްއެއް ނެގުމަށް އެމްޑީޕީ ސަރުކާރުގައި ނިންމުމާ ގުޅިގެން ޑީއާރުޕީން ވަނީ އެ ޓެކްސް ނެގުމަށް މަޖިލީހުން ފާސްކުރުމާ ދެކޮޅަށް ކެމްޕެއިންކޮށްފަ އެވެ.