އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މާދަމާރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގައި ވާދަ ނުކުރުމަށް ވިކްޓަރީ ސްޕޯޓްސް ކްލަބުން ނިންމުމަކީ ވަރަށް ބޮޑަށް ހިތަމަކުރާ ކަމެއް ކަމަށް ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯލް އަންއަވަރު އަލީ ވިދާޅުވެއްޖެ އެވެ.

ވިކްޓަރީއިން ވަނީ ކްލަބްގެ މާލީ ހާލަތު ދައްކަމަށްބުނެ، އެފްއޭ ކަޕްގައި މިފަހަރު ވާދަ ނުކުރާނޭކަން ބަޔާންކޮށް މިއަދު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ސިޓީއެއް ފޮނުވާފަ އެވެ.

ސަންއަށް ދެއްވި އިންޓަވިއުއެއްގައި އަންވަރު ވިދާޅުވީ، އެފްއޭކަޕްފަދަ ބޮޑު މުބާރާތެއްގައި ވިކްޓަރީން ވާދަ ނުކުރުމަކީ، ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންދާ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ 63 އަހަރަށްވުރެ ދިގު ފުޓްބޯޅައިގެ ތާރީހުގައި، ރާއްޖޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކްލަބަށް މިފަދަ ގޮތެއް މެދުވެރިވެ، މުބާރާތުގައި ބައިވެރި ނުވުމަކީ، އަޅުގަނޑުމެން ވަރަށް ހިތާމަ ކުރަން ޖެހޭ ކަމެކޭ. އަދި އެއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެންދާ ވަރަށް ބޮޑު ދެރައެކޭ،" އަންވަރު ވިދާޅުވި އެވެ.

ވިކްޓަރީން އެފްއޭކަޕްގައި ނިއުއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެފި ނަމަ މުބާރާތުގެ ގަވާދުގައިވާ ގޮތުން 5000ރ އާއި 25000ރ އާއި ދެމެދުގެ އަދަދަކުން އެ ކްލަބް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 2-0ގެ ނަތީޖާއަކުން ނިއު މޮޅުވީ ކަމަށް ނިންމައި އެ ކްލަބް ސެމީ ފައިނަލަށް ދާނެ އެވެ.

އަންވަރު ވިދާޅުވީ، ނިއުއިން ބޭނުމީ، ކުއާޓާ ފައިނަލްގައި ރަނގަޅު މެޗެއް ކުޅެގެން ސެމީފައިނަލަށް ދަތުރު ކުރަން ކަމަށާއި، އަދި ކްލަބުން މިހާރުވެސް މާދަމާ ރެއަށް ތައްޔާރު ވަމުން ގެންދާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މީޑިޔާއިން އެބަ އަޑުއިވޭ، ވިކްޓަރީ ނުކުޅެން ނިންމައިފި ކަމަށް. އެކަމަކު އަޅުގަނޑުމެންނަށް ރަސްމީކޮށް އެކަން އެނގިފައެއް ނެތް. އަދި އަޅުގަނޑުމެން މި ދަނީ މާދަމާ ރޭގެ މެޗަށް ފުރިހަމައަށް ތައްޔާރު ވަމުން. ނިއުއިން ބޭނުންވަނީ، ކުއާޓާގައިވެސް ފޯރިގަދަ މެޗެއް ކުޅެ، މޮޅުވެގެން ސެމީއަށް ދާން،" ނިއުގެ ޑައިރެކްޓާ އޮފް ފުޓްބޯލް ވިދާޅުވި އެވެ.

ބީ52 އެފްއޭ ކަޕްގައި ނިއުރޭޑިއަންޓާއި ވިކްޓަރީ ބައްދަލު ކުރާ ކުއާޓާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ، މާދަމާރޭ 10:00ގަ އެވެ.