ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ ރަސްމީ ތަރުޖަމާނުކަން އެ ޕާޓީގެ ޑެޕިއުޓީ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ (ޓީވީމުއާ) އަށް ދީފި އެވެ.

މުއާ މިއަދު ފޮނުވި ޓެކްސްޓް މެސެޖެއްގައި ވިދާޅުވީ އޭނާ އަށް ޕީޕީއެމްގެ ތަރުޖަމާނުގެ މަގާމު ހަވާލުކުރީ އިއްޔެ ކަމަށެވެ.

"ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަސްމީ ތަރުޖަމާނުކަމުގެ މަގާމު އިއްޔެ އަޅުނގަޑާ ހަވާލު ކުރެއްވުމާ ގުޅިގެން އެ މަނިކުފާނުގެ ފަރާތްޕުޅުން މީޑިއާ އާ ރަސްމީކޮށް ހިއްސާ ކުރަން ޖެހޭ ވާހަކަތައް އަޅުނގަޑު ހިއްސާ ކުރަމުން ދާނެ ވާހަކަ ދަންނަވަން،" މުއާޒު ފޮނުއްވި ޓެކްސްޓް މެސެޖުގައިވެ އެވެ.

މުއާ އަށް އެ މަގާމު ދެެއްވިކަން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު ވަނީ ވެސް ސަން އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޕީޕީއެމްގެ ޔޫތް ކައުންސިލްގެ މަގާމް ކުރިން ފުރިއްވި އަދި މިހާރު އެ މަގާމުން އިސްތިއުފާ ދެއްވާފައިވާ މުއާ އަކީ ޕީޕީއެމްގެ ޕްރައިމަރީ ކޮންގްރެސްގައި ޔާމީންގެ "ޔަގީން ޓީމް" އަށް ކެމްޕޭން ކުރައްވަމުން ގެންދެވި ބޭފުޅެއް ވެސްމެ އެވެ.