04 Aug 2013, 16:01
މިހާރު ކުރިއަށްދާ ބީ52 އެފްއޭ ކަޕްގެ ކުއާޓާ ފައިނަލްގައި މާދަމާރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗުގައި ވާދަ ނުކުރުމަށް ވިކްޓަރީ ސްޕޯޓްސް ކްލަބުން މިއަދު ނިންމައިފި އެވެ.
ވިކްޓަރީއިން ވަނީ އެފްއޭ ކަޕްގައި މިފަހަރު ވާދަ ނުކުރާނޭކަން ބަޔާންކޮށް މިއަދު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ސިޓީއެއް ފޮނުވާފައި ކަމަށް އެ ކްލަބުން ވަނީ ސަންއަށް މައުލޫމާތު ދީފަ އެވެ.
ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިކްޓަރީގެ އެސިސްޓެންޓް މެނޭޖަރު އިބްރާހީމް ޙިއްސާން ވިދާޅުވީ މުބާރާތުގައި ވާދަ ނުކުރުމަށް ވިކްޓަރީން ނިންމީ ކްލަބްގެ ބޯޑުގައި އެކަމާގުޅޭ ގޮތުން މަޝްވަރާ ކުރުމަށްފަހު މިވަގުތު ޓީމަށް އެންމެ ރަނގަޅު ގޮތަކީ އެއީކަމަށް ބޯޑުމެންބަރުން ނިންމުމުން ނެވެ.
"ކްލަބްގެ މާލީ ހާލަތު ހުރިގޮތުން އަޅުގަނޑުމެންނަށް މިފަހަރު އިތުރަށް ދެން މުބާރާތެއްގައި ކުރިއަށް ދެވޭކަށް ނެތް. އެހެން ކަމުން ބޯޑު މެންބަރުން މަޝްވަރާކޮށްފައި ނިންމީ މިހަރު ވިކްޓަރީން އެއްވެސް މުބާރާތެއްގައި ވާދަނުކޮށް ސީޒަން ނިންމާލުމަށް،" ހިއްސާން ވިދާޅުވި އެވެ.
ހިއްސާން ވިދާޅުވީ ކުރިން ނަގާފައިވާ ލޯނެއްގެ ސަބަބުން މި އަހަރު އެފްއޭއެމްއިންވެސް އަދި ކުޅިވާރާ ބެހޭ ވުޒާރާއިންވެސް ވިކްޓަރީއަށް އެއްވެސް ފައިސާއެއް ލިބިފައި ނެތުމުން ކުޅުންތެރިންނަށް މުސާރަދީ އެހެނިހެން ހަރަދުތައް ބެލެހެއްޓުމަކީ މިސީޒަންގައި ވިކްޓަރީއަށް ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ވިކްޓަރީގެ މިހާރު އޮތް އެންމެ ބޮޑު އަމާޒަކީ، ކްލަބްގައި ތިބި ބޭރުކުޅުންތެރިންގެ މުސާރަތައް ހަމަޖައްސައިދީ އެމީހުން އަނބުރާ ފޮނުވާލުން. އަދި މުސާރަ ނުދެވި ތިބި ދިވެހި ކުޅުންތެރިން މުސާރަވެސް ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހަމަޖެއްސުން،" ހިއްސާން ވިދާޅުވި އެވެ.
މިއަހަރު ވިކްޓަރީގެ ކުޅުންތެރިންވެސް އަދި މެނޭޖުމަންޓުގެވެސް އެންމެ ބޮޑު އަޒުމަކަށްވީ، އަންނަ އަހަރުގެ ދިވެހިލީގުން ޖާގައެއް ކަށަވަރު ކުރުން ކަމަށް ވިދާޅުވެ ހިއްސާން ވިދާޅުވީ ، މިސީޒަންގައި ދެން ވިކްޓަރީއަށް ހޯދޭނޭ އިތުރު ކާމިޔާބެއް ނެތުމުން ކްލަބުން ނިންމީ އަންނަ އަހަރަށް ވިކްޓަރީ ވަރުގަދަ ކުރުން ކަމަށެވެ.
"އަޅުގަނޑުމެންގެ ބޯޑަށާއި މެނޭޖްމަންޓަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ހުރިހާ ކުޅުންތެރިންނަށް، މުސާރަދީ، އަދި ބޭރުކުޅުންތެރިން އަނބުރާ ރަށަށް ފޮނުވާލައި، އަންނަ އަހަރު ވިކްޓަރީގެ ހަގީގީ ފެންވަރުގައި ކްލަބް ނެރެވޭނޭ ކަން،" ހިއްސާން ވިދާޅުވި އެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން، މުބާރާތް ފެށުމަށް ފަހު އެއްވެސް ކްލަބަކަށް އެ މުބާރާތުން ވަކިވެވޭނޭ ގޮތެއް ނޯންނާނެ އެވެ. އެހެން ކަމުން ވިކްޓަރީން އެފްއޭކަޕްގައި ނިއުއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެފި ނަމަ، މުބާރާތުގެ ގަވާދުގައިވާ ގޮތުން 5000ރ އާއި 25000ރ އާއި ދެމެދުގެ އަދަދަކުން އެ ކްލަބް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 2-0ގެ ނަތީޖާއަކުން ނިއު މޮޅުވީ ކަމަށް ނިންމައި އެ ކްލަބް ސެމީ ފައިނަލަށް ދާނެ އެވެ.