04 Aug 2013, 15:45
ލ. މާވަށު ރައްޔިތުންގެ ތެޔޮ ފިހާރައިގެ ސްޓޮކުން ގިނަ އަދަދެއްގެ ތޮޔޮ މަދުވި މައްސަލައާ ގުޅިގެން އެ ފިހާރައިގެ ކުރީގެ ސޭޓު އެ ރަށު އިތާ، މުހައްމަދު ނައީމްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާވަށު އޮފީހުގެ ފަރާތުން 2011 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ރައްޔިތުންގެ ތެޔޮ ފިހާރައިގެ ސްޓޮކް ކައުންޓެއް ހެދި އިރު ހުރީ 5929 ލީޓަރު ޑީސަލް ކަމަށެވެ. އަދި އެ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ސްޓޮކް ކައުންޓް ކުރި އިރު ހުރީ 150 ލީޓަރު ޑީސަލް ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ސްޓޮކް ކައުންޓުން އެގޮތަށް ދައްކާ އިރު ތެޔޮ ފިހާރައިގެ ލިޔެކިޔުންތަކުން އެނގޭގޮތުގައި އެ މުއްދަތުގައި ތެޔޮ ފިހާރައަށް ޖަމާކޮށްފައި ވަނީ 16000 ލީޓަރުގެ ޑީސަލް ކަމަށާއި ނަމަވެސް އެ މުއްދަތުގެ ތެރޭގައި ތެޔޮ ފިހާރައިން ވިއްކާފައި ވަނީ ޖުމްލަ 18000 ލީޓަރުގެ ޑީސަލް ކަމަށް ވުމުން ތެޔޮ ފިހާރައިގެ ސްޓޮކުން 3779 ލީޓަރުގެ ޑީސަލް މަދުވާ ކަމަށް ލިޔެކިޔުމުން ދައްކާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ އެ ފިހާރައިގައި އެދުވަސްވަރު އުޅުނީ އެންމެ މުވައްޒަފެއްކަމަށާއި އޭރު ތެޔޮވިއްކުމާއި ފައިސާ ބަލައިގަތުމާއި ސްޓޮކް ބެލެހެއްޓުމާއި އަދި ތެޔޮފިހާރައިގެ އެހެނިހެން މަސައްކަތްތައް ވެސްކޮށްފައި ވަނީ ނައީމް ކަމަށް ތަހުގީގަށް ބަޔާންދިން މީހުން ބުނެފައިވާ ކަމަށެވެ.
އެ އަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ފަދައިން މަގާމުގެ ނުފޫޒު ބެނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމުގެ ކުށުގެ އަމަލެއް ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އޭނާގެ އެ އަމަލުގެ ސަބަބުން ތެޔޮ ފިހާރައިން މަދުވެފައިވާ 3779 ލީޓަރުގެ ޑީސަލަށް އެދުވަސްވަރު ތެޔޮ ފިހާރައިން ޑީސަލް ވިއްކި ރޭޓު ކަމުގައިވާ 14.90ރުފިޔާގެ ރޭޓުން ޖެހޭ 56,307.10 ރ. އޭނާގެ އަތުން ހޯދުމަށް ދައުވާ ކޮށްދިނުމަށް ވެސް އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.