ރަމަޟާން މަހަކީ ކީރިތި ޤުރްއާން ކިޔެވުން ޚާއްސަ ގޮތެއްގައި އިތުރުވެގެންދާ މަހެކެވެ. މުސްލުމުންގެ ގޭގެއާއި، މިސްކިތްތަކުގައެވެ. ރަމަޟާން މަހު ވީހާވެސް ގިނަ ޚަތިމުތަކެއް ކުރެވޭތޯ މަސައްކަތް ކުރުމަކީ ޢާއްމު ކަމެކެވެ.

މިގޮތުން އިސްލާމީ ބައެއް ޤައުމުތަކުގައި މިހާރު ފުޅާވަމުންދާ އެއް ޙަރަކާތަކީ "ޝަބީނާ" ގެ ނަންދީފައިވާ ޙަރަކާތެވެ. އާދެ، ކޮންމެރެޔަކު ތަރާވީޙުގައި ޤުރްއާން އެކަށް ޚަތިމުކުރުމުގެ ޙަރަކާތެވެ. ނަމަވެސް ދިވެހި މިސާލުބަހެއްގައިވާ ފަދައިން "ހޮޅިޔަކު ފޯއްގުނާހާ" އުދުރު އުދުރުކޮށް ޤުރްއާން ކިޔެވުމަކީ އިސްލާމްދީނުގެ ނަބިއްޔާ އާއި އެކަލޭގެ ފާނުގެ ޞަޙާބީންގެ ޙަޔާތްޕުޅުގައި އޮންނަ ކަމެއް ކަމަށް ޞައްޙަ ރިވާޔަތެއް އައިސްފައިވާ ކަމެއްނޫނެވެ.

އޮޅުވައިނުލެއްވުން އެދެމެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ވީހާވެސް ގިނައެއްކޮން ޤުރްއާން ކިޔެވުމުގެ ބޭނުންތެރިކަން ކުޑަވާހަކައެއް ނޫނެވެ. ޤުރްއާނުން ކިޔާ ކޮންމެ އަކުރަކަށް ދިހަ ހެޔޮކަން ނުދެއްވާ ވާހަކައެއް ވެސް ނޫނެވެ. އަޅުގަނޑު ދަންނަވަން މިއުޅެނީ ޤުރްއާނުގެ މާނަޔާ މެދު ކުޑަ ވެސް ފިކުރެއް ނުބަހައްޓައި ޚުދު ތިމާޔަށް ވެސް ކިޔޭނުކިޔޭ އެއްޗެއް ނޭނގޭހާ އަވަސް އަވަހަށް ޤުރްއާން ކިޔެވުމާއި ޤުރްއާން ތަދައްބުރު ކުރުމާ ހުރި ތަފާތުގެ ވާހަކައެވެ. މިގޮތަށް ޤުރްއާން ކިޔެވުމަކީ އެދެވޭ ރަނގަޅު އިސްލާމީ ކަމެއްތޯ ނުވަތަ ނޫންތޯ މިވާހަކައެވެ. ޝައްކެއް ނެތްގޮތުގައި މިގޮތަށް ޤުރްއާން ކިޔެވުމަކީ މީސްތަކުގެ މެދުގައި ޤުރްއާނީ ރޫޙު ދިރުވައިލުމުގެ ސަބަބެއްކަމުގައި ހިމެނޭނެ ކަމެއްނޫނެވެ.

ކީރިތި ޤުރްއާން ކިޔަވަންވީ ގޮތާ ބެހޭގޮތުންވެސް އެފޮތުގައިވަނީ އިރުޝާދު ދެއްވައިފައެވެ. އެގޮތަކީ ތަރްތީލު މަގުން ކިޔެވުމެވެ. ޤުރްއާނުގެ ކޮންމެ އަކުރެއްވެސް އެއަކުރެއްގެ ޙައްޤު އަދާކުރުމާއެކު އެއަކުރެއްގެ މަޚްރަޖުން ކިޔަމުން ޤުރްއާން ކިޔެވުމެވެ. ޤުރްއާން ކިޔެވުމުގައި އަޅުގަނޑުމެން ވިސްނަންޖެހޭ އަނެއްކަމަކީ ޤުރްއާން ތަދައްބުރު ކުރުމެވެ.

ކީރިތި ޤުރްއާނުގެ ޞާދު ސޫރަތުގެ އޮނަތިރީސް ވަނަ އާޔަތުގެ މާނައިގައި ވަނީ މިދަންނަވާ ގޮތަށެވެ.
"(މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރަކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެފޮތުގެ އާޔަތްތަކުގެ މާނަތަކާ މެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަސީޙަތް ލިބިގަތުމަށެވެ."

މިއާޔަތުން ޞަރީޙުކޮށް އެނގޭ ފަދައިން ކީރިތި ޤުރްއާން ބާވައިލެއްވި މަޤްޞަދަކީ އިންސާނީ ބުއްދިޔަށް އެޑްރެސް ކުރެއްވުމެވެ. އިންސާނާ ވިސްނައި ފިކުރުކޮށް އެފޮތުގެ ފުން މާނަޔާ ހަމަޔަށް ވާސިލުވުމަށެވެ. މިމާނަ ދޭހަވާ ވަރަށް ގިނަ އާޔަތްތަކެއް ކީރިތި ޤުރްއާނުގައި ވެއެވެ. ނަމަވެސް ޤުރްއާން ބާވައިލެއްވީ ވީހާވެސް ގިނަ ޚަތިމުތަކެއް ކޮށް ވީހާވެސް އަވަހަކަށް ޤުރްއާން ޚަތިމުކުރުމުގެ ރަސްމުތައް ފާހަގަކުރުމަށޭ އަންގަވައިފައިވާ އެއްވެސް އާޔަތެއް ޤުރްއާނަކު ނުވެއެވެ.

ޝައްކެއް ނެތެވެ. ރަމަޟާން މަހަކީ ޤުރްއާނާ މެދު ވިސްނައި ފިކުރުކޮށް ޤުރްއާން ތަދައްބުރުކުރުމުގެ މަހެކެވެ. އެފޮތުގެ ލަފުޒުތައް ވީހާވެސް ފަރިތަކޮށް އަމުނައިލައި ފޮތް ނިންމައިލުމުގެ މަހެއް ނޫނެވެ. ޤުރްއާނަކީ މާތްﷲ އިންސާނާ އަށް ދެއްވި ރޫޙާނީ ޣިޒާއެކެވެ. ފުރާނައިގެ ދިރުމެއްކަމުގައި ހަދަން ޖެހޭ ފޮތެކެވެ. އިންސާނާގެ ދޫފަރިތަކުރުމުގެ ކަސްރަތެއް ނޫނެވެ. ރޯދަމަހު ރޯދަ ކުރުކުރުމުގެ ޕްރޮގްރާމުގައި "ފުރާޅަށް ބުޅާ އަރާ" ނުވަަތަ "އެޕިކަޕުން މިޕިކަޕަށް" ކިޔުއްވާ ހަލުވިމިނުގައި ޤުރްއާން ކިޔެވުމަކީ ޤުރްއާން "ކުޑަކޮށްލުމެކެވެ."