11 Nov 2010, 06:35
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވާ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.
ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިފަހަރު ލިބިވަޑައިގަތީ ހަ ބޭފުޅަކަށެވެ. އެއީ ޞިއްޙީ ދާއިރާ އިން، ދިވެހި ބޭސްވެރިކަމުގެ ރޮނގުން ނ. ކެނދިކުޅުދޫ ކުއްޅަވައްއާގޭ ޙަސަން ޤާސިމަށާއި ހެންވޭރު ސީސައިޑް ޢަލީ ޙުސައިނަށާއި މަސްވެރިކަމުގެ ދާއިރާ އިން ހެންވޭރު ދުނބުގަސްދޮށުގޭ މުޙަންމަދު ޙުސައިން (ކަނދި މުޙަންމަދުފުޅު) އަށާއި ގދ. ފަރެސް މާތޮޑާ، މާތޮޑާ އަވަށު ބިނާ މުޙަންމަދު މަނިކަށާއި އިޖްތިމާޢީ ޚިދްމަތުގެ ދާއިރާ އިން ހެންވޭރު ޑީންސްވިލާ މުޙަންމަދު ވަޙީދުއްދީނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން ފެހުމާއި ބެޖް ހެދުމާއި މާޖެހުމުގެ ރޮނގުން ގަލޮޅު ނަންކުރާވިޔު ޚަދީޖާ އަބޫބަކުރަށެވެ.
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ 6 ބޭފުޅަކަށެވެ. އެއީ ސިއްޙީ ދާއިރާއިން ޑޮކްޓަރު ފަރްޚަންދާ ޔަގާނެގީ އިސްލަމިކް ރިޕަބްލިކް އޮފް އީރާނަށެވެ. އިޖްތިމާޢީ ޚިދްމަތުގެ ދާއިރާ އިން އަޙްމަދު ވާފިރު ދ. ކުޑަހުވަދޫ ރާސްތާ އަށެވެ. މަސައްކަތްތެރި ކަމުގެ ދާއިރާއިން، ކިއްސަރު ވަޑާމުގެ ރޮނގުން އަޙްމަދު ޢާޠިފް ރ. އިންނަމާދޫ ފްރެޝް އަށެވެ. ހަބަރާއި މަޢްލޫމާތު ފެތުރުމުގެ ދާއިރާ އިން އާދަމް ޙަލީމް ލ. މުންޑޫ ރުއްކޮށީގެ އަށެވެ. ޕާރފޯމިންގ އާޓްސްގެ ދާއިރާ އިން، ލަވަކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން މުޙަންމަދު މާޖިދު ގ. ކްރީމްގެ އަށެވެ. ވިޜުއަލް އާޓްސްގެ ދާއިރާ އިން ފިލްމާއި ވީޑިއޯ އުފެއްދުމާއި ޑައިރެކްޓް ކުރުމުގެ ރޮނގުން މުޙަންމަދު ނިޔާޒް ހ. ލަންޗްމީޑަށެވެ.
އެ ބޭފުޅުންގެ އިތުރުން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ވަރކްޝޮޕަކަށާއި ދެ ކުންފުންޏަކަށް މި އަހަރު ލިބުނެވެ. އެގޮތުން، މަސައްކަތްތެރިކަމުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ، ޑޭޒީ ވަރކްޝޮޕަށެވެ. އެ ވަރކްޝޮޕްގެ ފަރާތުން އިނާމާ ޙަވާލުވެވަޑައިގަތީ، އެ ވަރކްޝޮޕްގެ މަސްއޫލުވެރިޔާ އަދި މެނެޖިން ޑިރެކްޓަރު މުޙަންމަދު ސަމީރެވެ. ޢިމާރާތް ކުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން މި އިނާމާ ޙަވާލުވެވަޑައިގަތީ، ކުންފުނީގެ މެނެޖިން ޑިރެކްޓަރު ސަޢުދުﷲ ޙިލްމީއެވެ. ދަތުރުފަތުރުގެ ދާއިރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނީ އާރކްސް މެރިން ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުނީގެ ފަރާތުން އިނާމާ ޙަވާލުވެވަޑައިގަތީ، ކުންފުނީގެ މެނެޖިން ޑިރެކްޓަރު މުޙަންމަދު ޝަރީފެވެ.
ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ ޝަރަފުގެ އައްޑަނަ އާއި ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.