ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިތީގެ ފެކަލްޓީ އޮފް ސައިންސް ރޭ ހުޅުވައިފި އެވެ.

ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސުޓަޑީޒް ހިނގަމުންދާ އިމާރާތް، ހ. ސޯސަންގޭގައި އެ ފެކަލްޓީ ހުޅުއްވައިދެއްވީ އެ ޔުނިވަސިޓީގެ ކައުންސިލް މެމްބަރު ބަންދު އިބްރާހިމް ސަލީމެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔުނިވާސިޓީގެ ވައިސް ޗާންސެލާ ހަސަން ހަމީދު ވިދާޅުވީ ސައިންސްގެ ދާއިރާ އިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ހުރެގެން އެ ދާއިރާ އިން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތަކީ ރާއްޖޭގެ މުސްތަގުބަލަށް ބަލާ އިރު ވަރަށް މުހިންމުކަމެއް ކަމަށެވެ.

"އަލަށް ހުޅުވުނު މި ފެކަލްޓީގައި މުޅިން އަލަށް ކޮމްޕިއުޓާ ސައިންސްގެ ދާއިރާގެ ކޯސްތައް ތައާރަފްކުރެވި އެ ދާއިރާ އިން މީހުން ބިނާކުރުމުގެ މަސައްކަތް ކުރެވޭނެކަމީ ޔުނިވަސިޓީން އަޅާ ވަރަށް މުހިންމު ފިޔަވަޅެއް،" ހަސަން ހަމީދު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީ އިން ބުނީ ސައިންސް ފެކަލްޓީ އަކީ ސައިންސްގެ މައިގަނޑު މަގުސަދަކީ ދާއިރާތަކުން ރިސާޗްކުރުމާއި އީޖާދީ ހަރަކާތްތައް ހިންގުމާއި ސައިންސްގެ އެކި ދާއިރާތަކާ ގުޅުވައިގެން އިލްމީ ތަހުގީގުތަކާއި ވަސީލަތްތައް ކުރިއެރުވުން ކަމަށެވެ.