04 Aug 2013, 15:16
ލ. ގަމު މަތިމަރަދޫ އަވަށު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 8 ޖަހާއެހާކަންހާ އިރު ފުލުހުންނަށް ހުށަހެޅި އެ މައްސަލަ ބެލި އިރު އެ ތިޖޫރީ ހަލާކުކޮށްލާފައި ވަނީ އެ އޮފީހުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެ އޮފީސް ތެރެއަށް ވަދެގެން ކަމަށާއި ތިޖޫރީ ހަލާކުކޮށްލި އިރު ތިޖޫރީގައި އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ތިޖޫރީގެ ދޮރުފަތް މަތާލައިގެން ހަލާކުކޮށްލުމަށް ފަހު އެ އޭގެގައި އެއްވެސް ފައިސާއެއް ނެތުމުން ތިޖޫރީ އޮފީސް ތެރެއަށް ދޫކޮށްލާފައިވާ ކަމަށެވެ.
ނަމަވެސް ވައްކަން ކުރަން އެ އޮފީހަށް ވަން މީހާ އެ އޮފީހުގެ މޭޒެއްގެ ވަތްގަނޑުގައި އޮތް 75 ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.