04 Aug 2013, 15:01
ގއ.ވިލިނގިލީ ކޯޓުގެ މެޖިސްޓްރޭޓް ހަސަން ނަޖީބުގެ ސަސްޕެންޝަން ނިމުމަކަށް ގެނެސްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑު ކުރީ ދައުލަތުގެ ފަރާތުން އޭނާގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެހެންފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިން ކަމުގެ ކުށުގެ ދައުވާ ކުރުމާ ގުޅިގެން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެނެވެ.
އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.
ޖޭއެސްސީން ބުނީ ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިލްތިމާސް ނުކުރުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވާ ކަމަށެވެ.
ހަސަން ނަޖީބު ސަސްޕެންޑު ކުރުމަށްފަހު ޖޭއެސްސީން ވަނީ 20 ނޮވެމްބަރު 2009 ވަނަ ދުވަހުން ފެށިގެން އެ ކޮމިޝަނުން ވަކިއެއްޗެއް އަންގަންދެން ވަޒީފާއަށް ނުނިކުންނެވުމަށް އޭނާ އަށް ލިޔުމުން އަންގާފަ އެވެ.
އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ޖޭއެސްސީގެ 74 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.