ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު 10،000ރ. އިން ޖޫރިމަނާ ކުރުމަށް ފަހު އުމުރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ގދ. މަޑަވެލި އިވަރްހައުސް އަހްމަދު ޖަމްޝީދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:45 އެހައިކަންހާއިރު ހުޅެލޭ ފެރީން މާލެ ފޭބިތަނާ އޭނާ ހައްޔަރުކޮށް ހަށިގަނޑު އެކްރޭ ނެގި އިރު މަސްތުވާތަކެތީގެ 21 ބްލެޓް ފެނުމާ ގުޅިގެންނެވެ.

އޭނާގެ ހަށިގަނޑުން ފެނިފައި ވަނީ 123.5375 ގްރާމް ޑައިމޯފިން (ހެރޮއިން) ކަމަށް ތަހުލީލު ރިޕޯޓުން ދައްކާ ކަމަށް ވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ ބުނެފަ އެވެ.

އެ ހުކުމްގައި ބުނެފައި ވަނީ ދައުވާ އަށް ޖާވާބުދާރީވާން ފުރުސަތު އެރުވުމުން އެ މަސްތުވާތަކެއްޗަކީ އޭނާ ބޭނުންކުރުމަށް އެތެރެކުރި ތަކެތިކަމަށް ބުނެ ދައުލަތުން ކުރި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އަށް ޖަމްޝީދު އިއުތިރާފުވެފައިވާ ކަމަށެވެ.

އޭނާ ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން ދައްކައި ޚާލާސް ކުރުމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި އޭނާ އަށް ވަނީ އަންގާފަ އެވެ.