04 Aug 2013, 14:01
ހޮރައިޒަން ފިޝަރީޒްގެ ބޯޓެއް 17 ޓަނުގެ މަހާ އެކު ފަރަކަށް އަރައިފި އެވެ.
ހޮރައިޒަން ކުންފުނީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރޭ ދަންވަރު 1:00 އެހާކަންހާއިރު އެ ކުންފުނީގެ މަސްބޯޓު ލ. ހިތަދޫ ކައިރީގައި އޮންނަ ފަރަކަށް އެރީ ބޯޓުގެ ނަގިލި ކަހާލައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައި ނުވާ ކަމަށެވެ. ނަމަވެސް ފައިބަރު ބޯޓު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހޮރައިޒަން ކުންފުނީގެ އޮފިޝަލު ވިދާޅުވީ މާމެންދޫ ބޭރުން މަސް ގަންނަން ނުކުތް ބޯޓު 17 ޓަނުގެ މަހާ އެކު ފަރަށް އެރުމުން، އެ ކުންފުނީގެ އިތުރު ބޯޓެއް އެ ސަރަހައްދަށް ގޮސް މަސްތައް އެ އަތޮޅު މާންދުއަށް ގެންގޮސްފައިވާ ކަމަށެވެ.
ގާސިމް އިބްރާހިމްގެ ވިލާގެ ސްބްސިޑަރީ ކުންފުނި، ހޮރައިޒަން ފިޝަރީޒުގެ ކަލެކްޓިން ވެސަލް ފަރަށް އަރާފައި ވަނީ ރޭ ދަންވަރު އައި ކޮޅިގަނޑެއްގަ އެވެ. އޭރު ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހުނެވެ.
މިދުވަސް ވަރަކީ ރާއްޖެ އަށް މޫސުން ގޯސް، ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވެފައި ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން ޔެލޯ އެލާޓް ނެރެފައި ވާތީ، ހާއްސަކޮށް މެދުރާއްޖެ ތެރެއަށާއި އުތުރުގެ އަތޮޅުތަކަށް ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފަ އެވެ.