ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ތަރައްގީކޮށް ހިންގުމަށް އެންމެ ފަރާތަކުން ޝައުގުވެރިކަން ފާޅުކުރުމުން އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އެތަނުގައި މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލެއް ތަރައްގީކޮށް ހިންގުމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓަށް ހުޅުވާލި މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވި އިރު ކުރިމަތިލާފައި ވަނީ ޖަރުމަނުގެ ކުންފުންޏަކުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ހުށަހެޅީ އެ ކުންފުންޏަކީ 30 އަހަރުގެ ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށް. ނަމަވެސް އެންމެ ކުންފުންޏަކުން ކުރިމަތިލުމުން އަލުން ހުޅުވާލަން ނިންމީ. މިމަހުގެ ތެރޭގައި އަލުން ހުޅުވާލެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އަލަށް ހުޅުވާލާ އިރު މިހާރު ހިމަނާފައިވާ ބައެއް ކަންތައްތަކަށް ބަދަލު ގެންނާނެ ކަމަށެވެ. އެގޮތުން ބިން ދޫކުރަން ކަނޑައަޅާފައިވާ މުއްދަތު 50 އަހަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން އެ ހޮސްޕިޓަލް އަމާޒުކޮށްފައި ވަނީ މާލެ އާއި މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުން އަންނަ މީހުންނާއި ޓޫރިސްޓުން އަދި ރާއްޖޭގައި އުޅޭ ބިދޭސީންނަށެެވެ. އަދި އެ ހޮސްޕިޓަލްގެ ބޭނުމަކީ ޒަމާނީ ފެންވަރުގެ މަލްޓި ސްޕެޝަލިޓީ ސިއްހީ ހިދުމަތް ރާއްޖެ އިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށް ވެސް އެ މިނިސްްޓްރީން ބުނެފައިވެ އެވެ.