04 Aug 2013, 13:48
މ. ނައިންހައުސް ޒުންނަވާރު ސަލީމްގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލުކޮށްފައި ވަނީ ގާނޫނީ ގޮތުން އިހްތިސޯސް ލިބިފައިވާ މުއައްސަސާއެއްގެ އެންގުމަށް ނޫން ކަމަށް ބުނެ އޭނާ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ޒުންނަވާރު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަށް ހުށަހަޅައި، އެ އޮތޯރިޓީން އަސްލާއި އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ "ބެޗްލާ އޮފް ލޯ" ސެޓްފިކެޓާއި ޖީސީއީ އޯ ލެވެލް ސެޓްފިކެޓާއި ޖީސީއީ އޭ ލެވެލް ސެޓްފިކެޓަކީ ފޯޖުކޮށްފައިވާ ސައްޚަނޫން ސެޓްފިކެޓުތަކެއްކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކުރި ތަހުގީގުން އެނގިފައިވާތީ އެ ކޮމިޝަނުން ވަނީ އެކަން އެޓާނީ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ޒުންނަވާރަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދޫކޮށްފައި ވަނީ އޭނާ ހުށަހެޅި ސެޓްފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކަކަށް ވާތީ ކަމަށެވެ. ނަމަވެސް އެއީ ފޯޖުކޮށްފައިވާ ސައްޚަނޫން ސެޓްފިކެޓުތަކެއްކަން އޭސީސީގެ ތަހުގީގުން ސާބިތުވާ ކަމަށް އެ ކޮމިޝަނުން އަންގާފައި ވާތީ އޭނާގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރީ ކަމަށް ވެސް އޭޖީ އޮފީހުން ވަނީ ބުނެފަ އެވެ.
ޒުންނަވާރު ކުރި ދައުވާގައި ބުނެފައި ވަނީ އޭނާގެ ސެޓްފިކެޓުތައް ބާތިލު ކުރުމަށް އޭސީސީން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އަށް އެންގުމުން އެތަނުން ސެޓްފިކެޓުތައް ބާތިލުކޮށްފައި ނުވާކަމަށެވެ.
އެ ދައުވާގައި ބުނެފައި ވަނީ ގާނޫނު އަސާސީންނާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުން އޭސީސީ އަށް ޖުމްލަ ގޮތެއްގައި ލިބިގެން ވަނީ ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތައްތަކުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުގެ ގޮތުގައި ތުހުމަތު ކުރެވޭ ކަންތައްތައް ތަހުގީގު ކުރުމާއި އެ ތަހުގީގު ފުރިހަމަކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންތައްތައް ކުރުން ކަމަށެވެ.
ޒުންނަވާރުގެ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ބާތިލު ކޮށްފައިވާތީ އޭޖީ އޮފީހުގެ އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އޭނާ ވަނީ އެދިފަ އެވެ.