04 Aug 2013, 13:28
ޏ. ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހިގެން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ މަރުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވީ ފުވައްމުލަކު އަތަ، މުހައްމަދު ޝުޖާއު 28، އަށް ފަރުވާދެމުން ދަނިކޮށް މަރުވެފައި ވަނީ މިއަދު މެންދުރު 12:50ގައި ކަމަށެވެ.
ޒީނަތު ވިދާޅުވީ އޭނާ އެ ހޮސްޕިޓަލަށް ގެނެސްފައި ވަނީ މިއަދު މެންދުރު 12:05 އެހައިކަންހާއިރު ކަމަށެވެ.
އޭނާގެ ބޮލަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ އެ ރަށު މުހައްމަދު ޖަމާލުއްދީން ނައިބު ތުއްތު މަގުން ސައިކަލްގައި ޝުޖާއު ދަނިކޮށް ގޯޅިއަކުން ނުކުތް ސައިކަލެއްގައި ޖެހިގެން ކަމަށެވެ. ގޯޅިން ނުކުތް ސައިކަލްގައި ތިބީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށާއި ސައިކަލް ދުއްވަން އިންކުއްޖާގެ އަތުގައި ލައިސަންސް ނެތްކަމަށް ވެސް އޭނާ ބުންޏެވެ.
ފުވައްމުލަކު ހޮސްޕިޓަލުން ބުނީ ޝުޖާއު އަކީ މީގެކުރިން ދެ ފަހަރެއްގެ މަތިން ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ މީހެއް ކަމަށެވެ.