ށ. މިލަންދޫގައި ގްރޫޕަކުން އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކައި ރޭޕް ކޮށްލި މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އަންހެން ކުއްޖާ ރޭޕް ކޮށްލާފައި ވަނީ ޓިއުޝަން ނިންމާފައި ގެއަށް ދިޔަ މަގުމަތީގަ އެވެ. އެ މައްސަލައާ ގުޅިގެން އެ ރޭ ދަންވަރު ވަނީ 21 އަހަރުގެ ދެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 17 އަހަރުގެ ކުއްޖެއް ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނީ އިތުުރު ދެ މީހަކު ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހު ކަމަށެވެ. އެ ދެ މީހުންގެ އުމުރަކީ 21 އަހަރު ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެ އެވެ.

ފުލުހުން ބުނީ ޓިއުޝަން ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު އަންހެން ކުއްޖާ އަނގަމަތީ އަތްއަޅައި ރަށުގެ އުތުރު ފަރާތު އަތިރި މައްޗަށް ގެންގޮސް އަންހެން ކުއްޖާ އަށް ޖިންސީ އަނިޔާކޮށް ރޭޕް ކުރުމަށް ފަހު އަންހެން ކުއްޖާގެ ހަށިގަނޑުގެ ތަންތަން ފޮޓޯ ނަގައި ވީޑިއޯކޮށްފައިވާ ކަމަށް މިލަންދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އެކަން އެއްވެސް މީހަކަށް އަންގައިފި ނަމަ ވީޑިއޯ އާއި ފޮޓޯތައް ލީކް ކޮށްލާނެ ކަމަށް ބުނެ އަންހެން ކުއްޖާ އަށް ބިރު ދައްކާފައިވާ ކަމަށް ވެސް މިލަންދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.