04 Aug 2013, 12:49
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
މިއަދު 11:00 ގައި ބާއްވަން ޝެޑިއުލްކުރި ޝަރީއަތް ކެންސަލް ކޮށްފައި ވަނީ ޑީޕީއާރްއެސް އިން އޭނާ ކޯޓަށް ހާޒިރުކޮށްފައިނުވާތީ އެވެ.
ޑީޕީއާރްއެސްގެ އޮފިޝަލަކު ވިދާޅުވީ ހުމާމް ކޯޓަށް ހާޒިރުކުރެވިފައި ނުވަނީ ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށެވެ.
"ވިއްސާރަވެ، ކަނޑު ގަދަވުމުގެ ސަބަބުން މިއަދު ހުމާމް ކޯޓަށް ހާޒިރުކުރެވިފައި ނުވަނީ،" ޑީޕީއާރްއެސްގެ އޮފިޝަލް ވިދާޅުވި އެވެ.
އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އިންކާރުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެ އަފްރާޝީމްގެ އާއިލާގެ ކިބައިން މައާފަށް އެދެންބޭނުންވާ ކަމަށް ބުނެފަ އެވެ.
އޭގެފަހުން މިއަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވަނީ އަނެއްކާވެސް ދައުވާ އަށް އިންކާރުކޮށްފަ އެވެ. އެދުވަހު އޭނާ ގާނޫނީ ވަކީލެއް ބޭނުންވާކަމަށް ބުނުމުން ކޯޓުން ވަނީ އެ ފުރުސަތު ދީފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި ކަމަށް އެއްބަސްވެ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ ބަޔާނުގައި އަފްރާޝީމް އަވަހަރަކޮށްލަން ރޭވި ގޮތާއި އެކަން ހިނގައިދިޔަ ގޮތް ތަފްސީލުކޮށް ވަނީ ކިޔައިދީފަ އެވެ.
އެ ބަޔާނުގައި ހުމާމް ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލައިފި ނަމަ ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު (ޖާ) އޭނާގާތު ބުނި ކަމަށެވެ. އެކަމަކީ ރީކޯ މޫސަ ރޭވި ކަމެއް ކަމަށާއި އެކަމަށް ޚަރަދުކުރަނީ ވެސް ރީކޯ މޫސަ ކަމަށް ޖާ އޭނާގާތު ބުނެފައިވާ ކަމަށް ވެސް ހުމާމް ވަނީ އެ ބަޔާނުގައި ބުނެފަ އެވެ.
"... އަދި ޖާ އެތަނުގައި އިނދެފައި'މިކަންތައް ރޭވިފައި އިންކަން އެނގޭ ނޫންހޭ. އަޒުލިފް ރައޫފް މެން ފަރާތުން ޚަބަރު އައިސްފަ ނޫންހޯ އޮތީދޯ. އެހެންވެ މިކަންތައްތައް ކުރިއަށްދާ ގޮތް އެނގޭހޭ ކިހާވަރެއްކަމެއް ލިބެނީ. ހުވާކޮށްފައޭ މި ބުނަނީ ހަތަރު މިލިއަން ރުފިޔާ ދޭނަމޭ ކަލޭ މިކަން ކޮށްފިއްޔާ' މިހެން އަޅުގަނޑު ގާތުގައި ޖާ ބުންޏެވެ. އަދި މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރީކޯ މޫސާ މަނިކު ރޭވި ކަމެކޭ. ރުފިޔާގަނޑު ލިބޭނީ ރީކޯ މޫސާ މަނިކުގެ ފަރާތުން ކަމަށާއި މިކަމަށް އިންވެސްޓްކުރަނީ ރީކޯ މޫސާ މަނިކު ކަމަށް ޖާ ބުންޏެވެ." ހުމާމު އިނގިލީގެ ނިޝާން ދީފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
ހުމާމްގެ މައްޗަށް ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން މީހެއްގެ ހެކިބަސް ވަނީ ނަގައިފަ އެވެ. ކާކުކަން ނޭނގޭ ގޮތަށް ހެކިބަސް ދެމުން އޭނާ ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ހުމާމްއާ އޭނައާ ބައްދަލުވެ އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭގޮތުން ވާހަދެކެވިފައިވާ ކަމަށް ބުނެފަ އެވެ.
ހެކިބަސްދެމުން އޭނާ ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި ރޭ އެގޭކައިރީގައި އޭނާ ހުރި ކަމަށާއި އަފްރާޝީމް އަވަހާރަކޮށްލި ފަހުން ލޭ ހޭކިފައި އޮތް ވަޅިއެއް ހުމާމް އަތުގައި އޮއްވާ އޭނާ އަށް ފެނުނު ކަމަށެވެ.