ޓޮޓެންހަމް ހޮޓްސްޕާގެ ފޯވަޑް ކްލިންޓް ޑެމްޕްސޭ އެ ކުލަބު ދޫކޮށް އޭނާގެ އަމިއްލަ ގައުމު، އެމެރިކާގެ މޭޖާ ސޮކާ ލީގު (އެމްއެލްއެސް)އަށް އެނބުރި ދިއުމަށް ނިންމައިފި އެވެ.

މިދިޔަ ސަމާގައި ހަ މިލިއަން ޕައުންޑުގެ ފީއަކަށް ފުލަމްއިން ޓޮޓެންހަމްއާ ގުޅުނު ފޯވަޑް، ޓޮޓެންހަމް ދޫކޮށްލަނީ، އެމްއެލްއެސްގެ ސީޓްލް ސައުންޑާޒްއާ ގުޅުމަށެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ ސައުންޑާޒްއަށް ބަދަލުވަނީވެސް ހަމަ ޓޮޓެންހަމްއަށް ބަދަލުވި އަގުގަ އެވެ.

"އަހަރެން މިހިރީ ވަރަށް ބޮޑަށް އުފާވެފައި އެނބުރި އެމްއެލްއެސްއަށް އައިސް، ސަންޑާޒްއަށް ގުޅުމުގެ ފުރުސަތު ލިބޭތީ،" ޑެމްޕްސީ ބުންޏެވެ. "މީގެ ދުވަސްކޮޅެއް ކުރިން ގައުމީ ޓީމާއެކު އަހަރެން ސީޓްލްގައި ޓްރެއިނިން ހެދި ދުވަސްވަރުގައި ސީޓްލްގެ ސަޕޯޓަރުންނާއި އެތަނުގެ އެ ހައިރާން ކުރުވަނިވި މާހައުލު އަހަންނަށް ވަނީ ތަޖްރިބާ ކުރެވިފައި. އެހެން ކަމުން އެތަނުގައި ކުޅެން ފުރުސަތު ލިބުމަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް."

ސައުންޑާސްގެ މެޖޯރިޓީ އޯނާ، ޖޯ ރޮތު ބުނީ، ޑެމްސީ އެކްލަބާ ގުޅުމުން އެއީ އެ ކްލަބަށް ލިބިގެންދާނޭ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

"ކްލިންޓަކީ ވޯލްޑްކްލާސް ކުޅުންތެރިއެއް. އޭނާއާ އެކު މިކްލަބަށް އިތުރު އުސްމިންތަކަކަށް ދެވޭނެ. މި ކްލަބުން ޓްރޮފީއެއް ހޯދުމަށް ނުފުރޮޅާނޭ އެއްމެ ގަލެއްވެސް ނުބަހައްޓާނޭ ކަމުގެ ޔަގީންކަން ކްލަބްގެ ސަޕޯޓަރުންނަށް ދެން،" ޖޯ ރޮތު ބުންޏެވެ.

އެމްއެލްއެސްގެ ނިއު އިންގްލެންޑް ރިވޮލިއުޝަންއަށް 99 މެޗު ކުޅުމަށްފަހު ފުލަމްއަށް ޑެމްޕްސީ ބަދަލުވީ 2007 ވަނަ އަހަރު އެވެ. ފުލަމްއަށް އޭނާ ކުޅުނު 184 މެޗުގައި 50 ލަނޑު އެ ކްލަބަށް އޭނާ ކާމިޔާބުކޮށްދީފައިވެ އެވެ.