އަންހެން ކުއްޖާ ރޭޕް ކުރި މައްސަލައާ ގުޅިގެން، ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހޯދަން އާންމުންގެ އެހީތެރި ކަމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި އުމުރުން 19 އަހަރުގެ އަންހެން ކުއްޖާއާ މެދު "ގަދަކަމުން ބަދުއަހުލާޤީ" އަމަލު ހިންގި މައްސަލައާ ގުޅިގެން ތުހުމަތުކުރާ މީހާ ވަނީ އިއްޔެ ހެނދުނު 10:00ގައި ހުޅުމާލެއިން މާލެ އައި ފެރީގައި ދަތުރުކޮށްފައިވާ ކަމަށެވެ.

އެމީހަކީ އިސްކޮޅުގައި ގާތްގަނޑަކަށް ފަސް ފޫޓް ހަތް އިންޗި ހުންނަ މީހެއް ކަމަށާއި އޭނާގެ ބޮލުގެ އިސްތަށިގަނޑު ތުނިކޮށް ކޮށާފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި އިއްޔެ ހެނދުނު އޭނާ އެފެރީގައި ދަތުރުކުރި އިރު އޭނާގެ ކަނާތު ޝަހާދައް އިނގިލި ވަރަށް ބޮޑަށް ޒަޚަމްވެފައި ހުންނާނެ ކަމަށާއި އޭނާ ލައިގެން ހުރީ އަޅިކުލައަކަށްދާ ގަމީހަކާއި އަޅިކުލަކައަކަށްދާ ފަޓުލޫނެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އިއްޔެ ހެނދުނު އެފެރީގައި ދަތުރު ކުރި ގިނަ ބަޔަކަށް އެމީހާ ފެނިފައިވާނެތީވެ، އެމީހާއާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ހިއްސާކުރަން ބޭނުންވާ ފަރާތެއްވާ ނަމަ އެކަން ފުލުހުންނާ ހިއްސާ ކުރަން ފުލުހުން އެދެ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި 19 އަހަރުގެ އަންހެން ކުއްޖަކާ މެދު ގަދަކަމުން ބަދުއަޚްލާޤީ އަމަލު ހިންގި ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ އިއްޔެ ހެނދުނު 10:30 ހާއިރު އެވެ. އަދި އެކަން ހިނގި ކަމަށް ބެލެވެނީ އިއްޔެ ހެނދުނު 09:30 ހާއިރު ކަމަށެވެ.

އަންހެން ކުއްޖާއާ ހަވާލާދީ ސަން އަށް ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ކުއްޖާ ރޭޕް ކުރީ ބިދޭސީއެއް ކަމަށެވެ. އަދި އޭނާ އެ އަންހެންކުއްޖާ އަށް ވަޅިން ބިރު ދެއްކި ކަމަށާއި އަންހެން ކުއްޖާ އަށް ޖިސްމާނީ ގޮތުން އަނިޔާތަކެއް ލިބިފައިވާ ކަމަށް ސަން އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.