04 Aug 2013, 11:53
ބާސެލޯނާގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ހޯދުމަށް އިނިގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑުން ކުރަމުން ގެންދާ މަސައްކަތަށް ކާމިޔާބު ވެދާނޭކަމުގެ އުންމީދު އާވެއްޖެ އެވެ.
ޔުނައިޓެޑުން މިހާތަނަށް ދެފަހަރެއްގެ މަތިން 26 އަހަރުގެ ސްޕެއިން މިޑްފީލްޑަރު ހޯދުމަށް ބިޑްކޮށްފައި ވާއިރު ސްޕެނިޝް ޗެމްޕިއަން ވަނީ، 25 މިލިއަން އަދި 30 މިލިއަން ޕައުންޑުގެ ހުށަހެޅުމަށް ވެސް ނޫނެކޭ ބުނެފަ އެވެ.
ފެބްރިގާސްއަށް ތިންވަނަ ފަހަރަށް ބިޑްކުރަން ތައްޔާރުވަމުން ދަނިކޮށް ޔުނައިޓެޑަށް އޭނާ ދޫކޮށްފާނެ ކަމުގެ އުންމީދު އާވީ، ހުކުރު ދުވަހު ބާސާގެ ދަނޑުގައި ބްރެޒިލްގެ ސަންތޯސްއާ ދެކޮޅަށް ކުޅެ 8-0 ން ބާސާ މޮޅުވި އެކުވެރި ކަމުގެ ފުޓްބޯޅަ މެޗަށްފަހު އެ ކްލަބްގެ ކޯޗް ޖެރާޑޯ މާޓިނޯ ދެއްކި ވާހަކަ ތަކާއި ގުޅިގެންނެވެ.
"އަހަރެން ބޭނުންވަނީ، އޭނާ [ފެބްރިގާސް]މިޓީމުގައި މަޑުކުރަން އަދި އަހަންނަށް އެ ޔަގީންކަންވެސް އެބައޮތް. އެކަމަކު ގޮތެއް ނިންމާނީ ކުޅުންތެރިޔާ އަމިއްލައަށް،" މާޓިނޯ ބުންޏެވެ.
މީގެ ކުރިން ބާސެލޯނާގެ މެނޭޖްމަންޓުގެ ހުރިހާ ލެވެލްއަކުންވެސް ބުނަމުން ގެންގޮސްފައިވަނީ، އެ ކްލަބުން ފެބްރިގާސް ދޫކޮށްލަށް ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް މިފަހަރު ކޯޗް މާޓިނޯގެ ރާގުވަނީ، ބަދަލުވެފަ އެވެ.
"މިކަމާ ބެހޭގޮތުން މިހާރު ގޮތެއް ނިންމާނީ، ސެސް. އެކަމަކު އޭގެ މާނައަކީ އޭނާ ގޮތެއް ނިންމަންދެން އަހަރެމެން ބަލަން ތިބޭނީއެކޭވެސް ނޫން،" ބާސާގެ ކޯޗު ބުންނެވެ. "އޭނާއަކީ ބާސާ ސްކޮޑްގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އަހަރެން އުންމީދުކުރަނީ އޭނަ، މަޑުކުރާނޭ ކަމަށް. އެކަމަކު ގޮތެއް ކަނޑައެޅުމުގައި ސެސްގެ ދައުރެއް އެބައޮތް."
މާޓިނޯ އިތުރަށް ބުނީ، ކުޅުންތެރިންގެ ޓްރާންފާއާ ގުޅޭގޮތުން ފަހުބަސް ބުނުމުގެ ބާރު އޭނާއަށް އޮންނަ ނަމަ، ފެބްރިގާސް ބާސާއިން ދޫކޮށް ނުލާނޭ ކަމަށެވެ.
ހުކުރު ދުވަހު ސަންތޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފެބްރިގާސް ކުޅެން ނުކުތީ ދެވަނަ ހާފްގަ އެވެ. އަދި އެ ޓީމާ އަލަށް ގުޅުނު ސަންތޯސްގެ ކުރީގެ ތަރި ނޭމާއާއެކު ކުޅެން ނުކުމެ ފެބްރިގާސްވަނީ، ދެ ލަނޑު ކާމިޔާބުކޮށްދީ، ތިންވަނަ ލަނޑެއް ކާމިޔާބުކުރުމަށް އެހީތެރިވެ ދީފަ އެވެ.
ބާސާގެ އަނެއް ހަތަރު ލަނޑު ކާމިޔާބު ކުރީ، މެސީ، ޕެޑްރޯ ސަންޗޭޒް، އެޑްރިއާނޯ، އަދި ސަންތޯސްގެ ޑިފެންޑަރު ލިއޯ އަތުން ބައިކޮޅަށް ވަނތް ލަނޑެކެވެ.