ހޫނު މޫސުމްގެ ޓްރާންސްފާގައި ޗެލްސީގެ ސްކޮޑް ވަރުގަދަކުރުމުމުގެ ގޮތުން މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސީ ފޯވާޑް ވޭން ރޫނީއަށް ޗެލްސީން 40 މިލިއަން ޕައުންޑް އަގެއް ބިޑްކޮށްފި އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޗެލްސީން ރޫނީއަށް 40 މިލިއަން ޕައުންޑް އަގެއް ހުށަހެޅި ނަމަވެސް ޔުނައިޓެޑުން އޭނަ ނުވިއްކާނެ ކަމަށް ވަނީ ބުނެފައެވެ.

ޔުނައިޓެޑާ އެކު ރޫނީ ހަދައިފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި ދެ އަހަރު އެބައޮތެވެ. ރޫނީ އަށް ޗެލްސީ އާއި އާސެނަލް އިން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

އުމުރުން 27 އަހަރުގެ ރޫނިއާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ، ސިއްރުން ކުރަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި ޔުނައިޓެޑުން ރޫނީ ދުކުރަންޏާ ދޫކުރަންވީ ކަމަށާއި ރޫނީއަކި ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ފުރަތަމަ 11 އިން ރޫނީ އަށް އާންމުކޮށް ފުރުުސަތު ނުލިބޭނެކަމުގެ އިޝާރާތެއް އެ ޓީމުގެ ކޯޗު ޑޭވިޑް މޮއިސް ދިނުމާ އެކު ރޫނީ ހުރީ ހިތްހަމަނުޖެހިފައި ކަމަށް ހަބަރުތައް ފެތުރުނު ނަމަވެސް ޔުނައިޓެޑުން ބުނަނީ ރޫނީ އަކީ ވިއްކާ ކުޅުންތެރިއް ނޫން ކަމަށެވެ.

މިދިޔަ ސީޒަންގައި ޔުނައިޓެޑް ކުޅުނު މުހިންމު ގިނަ މެޗުތަކުގައި ފުރަތަމަ 11 އިން ޖާގަ ނުލިބުމާ އެކު ހިތްހަމަނުޖެހިގެން ރޫނީ ވަނީ ޔުނައިޓެޑް ދޫކޮށްލަން ވިސްނައިފަ އެވެ.