ނ. ލަންދޫގައި އަލަށް ހެދި ފުލުހުންގެ އިމާރާތް ރޯކޮށްލައި "އަންދާލައިފި" އެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 02:00 ހާއިރު އެ އިމާރާތުގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން އިމާރާތް ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައިވާ ކަމަށެވެ.

އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލާފައި ވަނީ ލަންދޫ ރައްޔިތުން ގުޅިގެން ކުރަމުން ދިޔަ މަސައްކަތުން ރޭ 02:20 ހާއިރު އެވެ. އަދި އަލިފާން ރޯކޮށްލާ އަންދާލާފައިވާ އިމާރާތަކީ ލަންދޫ ރައްޔިތުންގެ ބަޖެޓުން ޚަރަދުކޮށްގެން ހަދާފައިވާ އިމާރާތެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ލަންދޫގައި ފުލުހުންގެ ހިދުމަތް ދިނުމަށްޓަކައި އަޅާފައިވާ އިމާރާތުގައި އަލިފާން ރޯކޮށްލައި އަންދާލި މައްސަލައާ ގުޅިގެން މަނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ޓީމެއް މިހާރު ދަނީ ލަންދޫގައި ހަރަކާތްތެރި ވަމުންނެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތުޙުމަތު ކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.