ޏ. ފުވައްމުލަކުގައި ދެ ސައިކަލެއް ޖެހިގެން މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ފުވައްމުލަކުން ސަންއާ ވާހަކަދެއްކި މީހަކު ބުނީ މިރޭ ގާތްގަނޑަކަށް 11:00 އެހައިކަންހާއިރު އެރަށު ޖަމާލުއްދީން ނައިބު ތުއްތުމަގުން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި ހިނގި އެ އެކްސިޑެންޓުގައި ފުރަތަމަ ސައިކަލް ދުއްވަން އިން މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ މީގެކުރިން ދެ ފަހަރެއްގެ މަތިން ހިތުގެ އޮޕަރޭޝަނެއް ކޮށްފައިވާ އެރަށު އަތަ، މުހައްމަދު ޝުޖާއު 28، އަށް ކަމަށެވެ.

އެކްސިޑެންޓުވުމުގެ ސަބަބުން ޝުޖާއުގެ ބޮލުގައި ރެނދުލާފައިވާއިރު ކަނައަތު ކޮނޑު ބިންދައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުހައްމަދު ޝުޖާއުގެ ބޮލުގައި ރެނދުލާފައިވަނީ. އެއީ ސީރިއަސް ކަމަކީ. ދެން ކަނައަތު ކޮނޑު ބިންދައިގެން ގޮސްފައި ވަނީ. އަޅުގަނޑުމެންނަށް ބެލެވެނީ އޭނައަށް ފަރުވާދެވި ސަލާމަތް ކުރެވޭނެ ކަމަށް،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނެއް ސައިކަލުގައި ތިބި ދެ މީހުންނަކީ 18 އަހަރުން ދަށުގެ ދެ ކުދިން ކަމަށާއި އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ.

އެ ދެ ކުދީންނަކީ ސައިކަލް ދުއްވުމުގެ ލައިސަންސް އޮތް ބައެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.