03 Aug 2013, 23:18
(31 ޖުލައިގެ އަދަދާއި ގުޅޭ)
"ޒޯހާ ބުނީމެއްނު ސީފުޑް، ބީފް ކަހަލަ އެއްޗެހި ނުބައި ވާހަކަ. އެހެންވެ އަހަރެން ވެޖިޓެބްލް އެކަނި ބޭނުން ކުރީ. ގިނަ އިރު ނުކައި ހުރީމަ ވީގޮތެއް ކަންނޭނގެ ދޯ. އެވަރަށް ބުނީމަވެސް އެއްޗެއް ނުކައި ފްލައިޓަށް އެރީ. އަދި ފްލައިޓްގަވެސް ކެއީއެއް ނޫން." އިޔަން ވާހަކަ ދައްކަމުން ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.
"ވެދާނެ ނުކައި ހުރީމަ ކަމަށް." ޒޯހާ ކޯތާފަތް ފުހެލައިފައި ދުރުބަލާލައިފި އެވެ. "ވެއިޓް އަ ސެކް... އިޔަންއަށް ކީއްވެ ހީނުވީ އަހަރެން ޕްރެގްވީ ކަމަށް؟" އިޔަން އަނެއް ފަރާތަށް އެނބުރިލަން ތައްޔާރުވި ތަނާ ޒޯހާ ކުއްލި އަކަށް އަހާލިއެވެ. "ސީރިއަސްލީ.. އިޔަންގެ މަޤާމުގައި ކޮންމެ މީހަކު ހުރިނަމަވެސް އެންމެ ފުރަތަމަ ހިތަށް އަންނާނެ އެއްޗަކީ އެއީ ކަންނޭނގެ." ޒޯހާ ހުރީ އޮޅުންފިލުވަން ބޭނުންވެފައެވެ. "ޒޯހާއަށް ނޭނގުނަސް އަހަރެން ވަރަށް ގިނަ ކަންކަން އޮޅުންފިލުވައިފިން. އެނގޭ ޑިވޯސްވި ފަހުން ހަތަރު އަހަރުވެއްޖެކަން. އަދި އެނގޭ އޭގެ ފަހުން ފިރިހެންކުއްޖަކާއި ގުޅުމެއް ނުބާއްވާކަންވެސް. އެހެންވީމަ އެފަދަ ހިޔާލެއްވެސް ނާދޭ." އިޔަން ޖަވާބު ދިނެވެ. "އެހެންވިއްޔާ އަހަރެންނާއި ބެހޭ އެންމެ މުހިންމު ވާހަކަ އެނގޭތަ. އެނގޭތަ އަހަރެން މީ އުނި އަންހެނެއްކަން؟ އެނގޭތަ އަހަރެންނަށް ދަރިން ނުލިބޭކަން؟ އަހަރެން ބޭނުމެއް ނޫން އެއްވެސް ކަމެއް ސިއްރު ކުރާކަށް. އިޔަން ބޭނުމިއްޔާ މިހާރު މިވަގުތުވެސް އަހަރެން ރާއްޖެ ފޮނުވައިލަންވީ. ބޭކާރު އަންހެނަކާއި ގުޅިގެން އިޔަންގެ މުސްތަޤްބަލް ބަރުބާދު ކުރަން އަހަރެން ކުޑަކޮށްވެސް ބާރެއް ނާޅާނަން." ޒޯހާގެ ޖުމްލަތައް ނިންމައިލުމުން އިޔަން ދެފަރާތަށް ބޯ ހޫރުވައިލާފައި އައިސް ކުރިމައްޗަށް ހުއްޓުނެވެ.
"ޒޯހާއަށް ހާދަ އެއްޗެއް ނޭނގުނޭ. އަހަރެން ޒަމީހާ އާންޓްގެ ފަރާތުން ކުރިމަތި ވެދާނެ ނުރައްކަލުގެ ވާހަކަ ބުނީމައިވެސް ނޭނގުނުތަ އަހަރެން އެހެންބުނީ ކަންތައްތަކެއް އެނގިގެން ކަމެއް. ޒޯހާ އަހަންނަށް އިތުރަށް އޮޅުވާލަން މަސައްކަތް ނުކުރޭ. މިއަދު އަހަރެންނަށް ހުރިހާ އެއްޗެއްވެސް އެނގޭ. އަހަރެންނަށް އެނގޭ ޒޯހާގެ ކައިވެންޏަކީ ޒަމީހާ އާންޓްގެ ރޭވުމެއްކަން އަދި ހަތަރު އަހަރުވީ ކައިވެނީގެ ހުރިހާ ހަޤީޤަތެއްވެސް. ވަރަށް ރަނގަޅަށް އިނގޭ ފިރިމީހާ ޓަޗްވެސް ނުކޮށްލާ ކަމާއި "އުނި" އަންހެނެއްގެ ގޮތުގައި ލެބަލް ކުރީ ޒޯހާގެ މުސްތަޤްބަލް ބަރުބާދު ކޮށްލުމުގެ ބޭނުމުގައި ކަން. ތޭންކްސް ޓު ނިޝާ. އޭނަ ނުކިޔައިދިން ނަމަ މިއަދުވެސް އަހަރެން ހުރީހީ އޮޅުމެއްގެ ތެރޭގައި." އިޔަން އައިސް ޒޯހާގެ ކޮނޑުގައި ހިފައިލަން އުޅެފައިވެސް ނުކެރިގެން ދެއަތް ތިރިކޮށްލިއެވެ.
"އޯވ!" އެވާހަކަތައް އަހާފައި ޒޯހާގެ އަނގައިން ނިކުތް ބަހަކީ އެއީއެވެ. "ވާއު. އަށްއަހަރު ފަހުން ލޯބި ހޭލަން ދިމާވި ސަބަބަކީ އެއީ ދޯ؟ ފިރިމީހާ އަތްނުލާކަން އެނގުނީމަ." ޒޯހާ ގަދަކަމުން މަލާމާތުގެ ހިނިގަނޑެއް ޖަހާލައިފައި އަނގަމަތީ އަތް އަޅައިލައިގެން އަނެއްފަރާތަށް މޫނު އަނބުރާލި އިރު ދެލޮލަށް ކަރުނަތައް ގިނަވެގެން ހިފެހެއްޓުމަށް ނުކުޅަދާނަވިއެވެ. އިޔަންގެ ވާހަކަ އިވިފައި އުންމީދުތައް އަލުން ވިއްސިވިހާލި ވެއްޖެއެވެ. ކުރެވުނީ ކުށްހީއެކެވެ. އިޔަންގެ ލޯއްބަކީ ތެދުވެރި އެއްޗެއްކަމަށް ހީކުރެވުނީ މޮޔަކަމުންނެވެ. އިޔަން އަށް އަހަރު ފަހުން އައިސް އޭނާ ބޭނުންވީ ހުރި އުނިކަމާއި އެކުގައި ކަމަށް އޭނާ ޔަޤީންވެސް ކުރިއެވެ. އަމިއްލަ ނަފްސްދެކެ ރުޅިވެސް އާދެވުނެވެ. އެހާ ފަސޭހައިން މީހުން އޭނާ މޮޔަހައްދަނީ ކިހިނެއް ހެއްޔެވެ؟
ޒޯހާގެ މަލާމާތް އެއީ އެކޯތާފަތް މައްޗަށް އަމާޒުވި ހޫނު އެތިފަހަރެއް ފަދައެވެ. ކޮށި ވަޅިއަކުން ހިތް ކަފައި ކުދި ކުދި ކޮށްލިއަސް އެވަރަށް ތަދުވާނެ ކަމެއް ނޭނގެއެވެ. ވަގުތުން އިޔަންގެ ދެލޯ ފެންކަޅިވިއެވެ. "ކިހިނެއް އަހަރެން ޔަޤީން ކޮށްދޭނީ. ހުވާކޮށްފަ މިބުނަނީ އަހަރެން ޒޯހާ އާއި ގުޅެން ނިންމީ ތީ ވާރޖިންއެއްކަން އެނގިގެނެއް ނޫން. އެކަމަކު މޯޑުގެ ފަރާތުން ޒޯހާ ޑިވޯސްވިކަން އެނގިގެން. އުނި އަންހެނެއްކަން ލެބަލް ކުރެވުނު ވާހަކަ އިވުމުން އެހާ އަވަހަށް އަހަރެންގެ ސިކުނޑީގައި ހިނގައިލީ އެޑޮޕްޓް ކުރުމުގެ ހިޔާލު. ޒޯހާ އަހަރެން ތިގެއަށް ދިޔައީ ޒޯހާ ހުރީ ހުސްކޮށްކަން އެގިގެން ޒޯހާ ހާސިލް ކުރަން. އެވަގުތު މައިންޑްގަ އޮތް ހަމައެކަނި ބޭނުމަކީ އަށްއަހަރު ކުރީން ގެއްލުނު ލޯބި އަލުން ހޯދުން. އެކަމަކު އެދުވަހު ޒޯހާ ގެއިން ނިކުމެގެން ދިއުމުން ނިޝާ އަމިއްލައަށް އަހަރެން ހުއްޓުވާފަ ހުރިހާ ވާހަކައެއް ކިޔައިދިނީ. ޓްރަސްޓް މީ ޒޯހާ. އަހަރެން ދުވަހަކުވެސް ޒޯހާއަށް އޮޅުވައެއް ނުލާނަން." އިޔަން ދެއްކި ވާހަކަތައް އެއީ ކަނޑުގައި އަޅާލި ރޮނގަކާއި އެއްފަދަ ކޮށްފައި ޒޯހާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ފުރަގަސްދިން ފަހުން ޒޯހާ ހުއްޓުވާނެ ހިތްވަރެއް ޚުދު އިޔަން އަކަށްވެސް ނުލިބުނެވެ.
އޮޅިގެން ޒޯހާއަށް ވަދެވުނީ އިޔަންގެ ކޮޓަރި އަށެވެ. އެކަން އެނގުނީ އެކޮޓަރިއަށް ވައްދާފައި ހުރި އިޔަންގެ ސޫޓް ކޭހާއި އެނދުމަތީ އޮތް ވޮލެޓް ފެނުނީމައެވެ. ޒޯހާ ސޫޓް ކޭހާއި ދިމާއަށް ދާން އުޅެފައިވެސް އައިސް އިށީންދެލީ އެނދުގައެވެ. ވޮލެޓް ނަގާފައި ބަލައިލުމުން އޭގައި އިން ފޮޓޯގަނޑު ފެނިގެން މެއަށް ފިނިވެލިއެވެ. ކައިވެނީގެ ދުވަހު އޭނާ ނަގާފައިވާ ހަމައެކަނި ފޮޓޯ އިޔަންއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ ވެދާނެއެވެ. ޒަމީހާގެ އެފްބީއަށް ނަމަވެސް ޕޯސްޓް ކޮށްފަ އިންދާ އިޔަން ނެގީއެވެ. ޒޯހާ އެންމެ ހައިރާންވީ އޭނާ ފިރިމީހާ އާއި އެކު ނެގި ފޮޓޯގައި އެކަނި ހުރީމައެވެ. ތުންފަތުގައި ދަތް އަޅައިލާފައި ވޮލެޓުން ފޮޓޯގަނޑު ނެގުމުން އިތުރަށް ހައިރާންކަން ލިބުނެވެ. ފެންނަން އެއިނީ ފޮޓޯގަނޑުގެ ކުޑަ ތަންކޮޅެކެވެ. ބޮޑުބައި އޮތީ ފަތްކޮށްފައެވެ. ޒޯހާ ފޮޓޯގަނޑުގެ ފަތްކޮށްފައިވާ ބައި ނިއުޅައިލުމުން އިޚުތިޔާރެއް ނެތި ބާރަށް ހީގަނެވިއްޖެއެވެ. އޭނާގެ ކުރީގެ ފިރިމީހާ އާޒިމް މޫނުގައި އިޔަން ހުރީ ކަޅު މާކަރަކުން ކުލަ ޖައްސައި ހަޑިކޮށްލައިފައެވެ. އަދި އެވަރުން ނިމުނީ އެއްނޫނެވެ. އާޒިމްގެ މޫނާއި ހަށިގަނޑަށް ގަލަން ތުނޑު ހަރައި ފޮޓޯގަނޑުގެ އެހިސާބު ހަލަންޏަކަށް ހަދާލައިފައެވެ. ލޮލުގައި ގިނަވެފައި ހުރި ކަރުނަތަކާއި އެކުވެސް ޒޯހާއަށް ބަނޑަށް ތަދުވާންދެން ހެވުނެވެ. އެހިނިގަނޑު މައިތިރިވިފަހުން އަނެއްކާވެސް ލޮލުން ފައިބައިގަތީ ކަރުނަތަކެކެވެ.
އެނދުގައި ބޯ އަޅާލައިގެން ޒޯހާ އޮންނަތާ އިރުގަނޑެއް ފަހުން ދޮރުފަތުގައި ޓަކި ދިނެވެ. ޒޯހާ ލޯ ފުހެލައިފައި ތެދުވެގެން ގޮސް ދޮރު ހުޅުވައިލާފައި އިޔަން ފެނިގެން އަނެއްކާ ފޮޓޯގަނޑު މަތިން ހަނދާންވިއެވެ. "ނުކައި އޮތްވާ ދެރަގޮތެއް ވެދާނެ. ހިނގާ ކޮންމެވެސް އެއްޗެއް ކާން. އަދި އެބަޖެހޭ ކުޑަކޮށް ޝޮޕިން ކޮށްލަން ދާންވެސް." އިޔަންގެ ޖުމްލަ ނިމޭއިރަށް ޒޯހާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒޯހާ އަވަސް އަވަހަށް އަނގަމަތީ އަތް އަޅައިލިފަހުންވެސް ހިނިގަނޑު މައިތިރިއެއް ނުވިއެވެ. ޒޯހާ މޮޔަވީ ނޫންބާވައޭ ހިތަށް އަރައި ހައިރާންވެފައި އިޔަން ހުރުމުން ޒޯހާއަށް ހައްތަހާ މަޖާވިއެވެ. "ސީރިއަސްކޮށް... އަހަރެން އެއްގޮތަކަށްވެސް ހިއެއް ނުކުރަން އިޔަން މިކަހަލަ ކަންތައް ކުރާނެ ކަމަކަށް. އަހަރެން ހިކުރީ ޖެލަސީއަކީ އެކަނި އަންހެންކުދީންގެ ހުންނަ ސިފައެއްކަމަށް." ޒޯހާ ހިންޏާއި ހެދި ހުއްޓަ ހުއްޓާފައި ޖުމްލަ ފުރިހަމަ ކުރެވުނު ފަހުން އަތުގައި އޮތް ފޮޓޯގަނޑު ދައްކައިލިއެވެ. "އޯވ." އިޔަން އަނގައަށް ގޮތެއް ހަދާލައިފައި ޖީބަށް އަތް ޖަހައިލީ ދުރުބަލައި ލަމުންނެވެ.
ޒޯހާ ހެމުން ހެމުން ނިކުތުމުން އިޔަން ފަހަތުން ދަމުން ސިއްރު ސިއްރުން ހިނިތުންވެލިއެވެ. ބިންގަނޑަށް ވާރޭ ވެހިލުމުން ގަސްތަކަށް އާރޯކަން ލިބިގެންދާހެން ޒޯހާގެ އެހީލުމުން އިޔަންގެ ހިތަށް ކޮންމެވެސް ވަރެއްގެ ޝިފާއެއް ލިބިގެން ހިނގައްޖެއެވެ. ހިތަށް ފިނިކަން ލިބި ރޫޚަށް އަރާމުވެއްޖެއެވެ.
"އަނެއްކާ އިތުރު އެއްޗެއް ތައްޔާރު ކުރީ ކީއްކުރަން؟" ބަދިގެއަށް ވަދެފައި މޭޒުމަތީ ހުރި ފުރުޓް ސެލެޑް ތަށި ފެނިފައި ޒޯހާއަށް ބުނެވުނެވެ. އިޔަން ގޮނޑި ދުރުކޮށްލަ ދިނުމުން ޒޯހާ އިށީންދެފައި ފުރަތަމަ، ޖޫސްތަށިން އެތިފޮދެއް ރަހަ ބަލައިލި އެވެ. ސެލެޑްކޮޅެއް ކާލައިފައި މީރު ވާހަކަ ބުނެލީ ބޮޑުވައި އިނގިލި ތެދުކޮށްލައިފައެވެ. "ތޭންކްސް ޓު މައި ރެސިޕީ ބުކް." އިޔަން އެއްލޯ މަރައިލި އެވެ. އެހަރަކާތާއި ގުޅިގެން ޒޯހާ ފިނި ގޮތަކަށް އިސްޖަހައިލުމުން އިޔަން ރަކި ވާގޮތް ވިއެވެ.
"އަހަރެން އިޔަންގެ ވާހަކަ ޤަބޫލު ކުރަން." އިރުކޮޅެއް ވާންދެން ދެމިއޮތް ހިމޭންކަން ޒޯހާ ފުނޑުފުނޑު ކޮށްލިއެވެ. "އެއިން ކޮން ޕާޓެއް؟ ޒޯހާ ދެކެ އަހަރެން ލޯބިވާ ކަމަށް ކުރި ދައުވާތަ؟ ނޫނީ އަހަރެން ޒޯހާ ދެވަނަ ފަހަރަށް ހާސިލް ކުރަން ނިންމީ ހަޤީޤަތް ނޭނގިއޭ ބުނި ވާހަކަތަ؟" އިޔަން އޮޅުންފިލުވަން ބޭނުންވިއެވެ. "ވޮލެޓްގަ އިން ފޮޓޯގަނޑު އެއީ އަށްއަހަރު ކުރީގެ އެއްޗެއް. މިހާރު ޤަބޫލު ކުރެވިއްޖެ އިޔަން އަހަރެން މަތިން ހަނދާން ނައްތައި ނުލާކަން." ޒޯހާ ޖަވާބުދިނެވެ. "އޯވ.. ތީގެ މާނައަކީ...." އިޔަންގެ ޖުމްލަ ފުރިހަމަ ކުރަން އުޅެފައި ޒޯހާ ކުއްލިއަކަށް އިސްއުފުލައިލުމުން މެދުކަނޑާލިއެވެ. "ދެން ތިބުނި ދެ ކަންތަކާއި މެދު ގޮތެއް ނިންމާކަށް އަދި ނޭނގެ." ޒޯހާ ތަށިތެރެއަށް އޫ ދޫކޮށްލައިފައި ތެދުވިއެވެ.
"ދެން އެހެންވީއިރު ކީއްކުރަން އައީ؟ ކީއްވެ އަހަރެންނާއި އެކީ ހަޔާތުގެ ދެން އޮތްބައި ހޭދަކުރަން އެދިގެން ޤައުމާއި އާއިލާ ދޫކޮށްލީ؟" އިޔަން ޒޯހާގެ އަތުގައި ހިފާފައި ހުއްޓުވިއެވެ. އެނބުރި ބަލައިލުމުން ޒޯހާއަށް ފެނުނީ އިޔަން ސީރިއަސްވެފައި އިންދައެވެ. "އަހަރެން އަމިއްލަ އަށްތަ އައީ؟ އިޔަން އަހަރެންނަށް މަޖުބޫރުކޮށްގެން ގެނައީއެއްނު. ހަނދާން ކޮށްބަލަ." ޒޯހާގެ ނިތަށްވެސް ރޫ އަރައިފިއެވެ. "އެހެންތަ؟ ޒޯހާ ރަނގަޅަށް ހަނދާން ކޮށްބަލަ އެއަރޕޯޓަށް ވަންނަމުން އަހަރެން ހަމައެކަނި ބުނެލީ ވާހަކައެއް. އެއަށްފަހު ޒޯހާ ބޭނުމިއްޔާ އެނބުރި ދިއުމުގެ ފުރުސަތު އަހަރެން ދިނިން. ކީއްވެ ނުދިޔައީ؟ އަހަރެން ޒޯހާ ކައިރީ ކޯއްޗެކޭ ބުނެގެން ހިމޭންކަމާއެކު ފަހަތުން އައީ. ހަނދާން ކޮށްބަލަ!" އިޔަން ކޮޅަށް ތެދުވެފައި ޒޯހާގެ ދެކޮނޑުގައި ހިފައިލުމުން ތަދުވެސްވިއެވެ.
"އިޔަން ބުނީ އަހަރެން އެކުގައި ދާން ގަދަ ހަދައިފިނަމަ ދުވަހެއްގެ ކޮޅުންވެސް ރާއްޖެ އާއި ވީ ފަރާތަށް މޫނުވެސް އަނބުރަ ނުލާނެ ކަމަށް. އިޔަން ބުނީ ރާއްޖެ އާއި ރާއްޖޭގައި އުޅޭ އެއްވެސް މީހަކާއި ކޮންޓެކްޓެއް ނުބާއްވާނެ ކަމަށް. އެން އައެމް ސޮރީ އަހަރެންނަކަށް ނުކެރޭނެ އިޔަން މަންމަގެ މަރުގެ ޒިންމާދާރަކަށް ވާކަށް. އިޔަންގެ ވަކިވުމުން ޝާފިޔާ ދައްތަގެ ހިތަށް ކެތެއް ނުކުރެވޭނެ." ޒޯހާ އިސްޖަހައިލަމުން މަޑުމަޑުން ޖަވާބުދިނެވެ. "މަންމަގެ މަރާއި މިކަމާއި ކޮން ގުޅުމެއް އޮތީ؟" އިޔަން ހަށަން މޮހައިލާފައި އަނެއްކާ ކައިރިއަށް ޖެހިލިއެވެ. ޒޯހާގެ ވާހަކައިން އޭނާ ވަރަށް ހައިރާންވެއްޖެއެވެ. "އަހަންނަށް އިނގޭ ޝާފިޔާދައްތަ އަކީ ހާޓްޕޭޝަންޓެއްކަން." ޒޯހާގެ ޖަވާބު ހައްތަހާ ބޮޑަށް އިޔަން ހައިރާން ކޮށްލައިފި އެވެ. "ޒޯހާއަށް ކިހިނެއް އެނގުނީ. އަހަރެމެން ފެމެލީގެވެސް ވަކި ބަޔަކަށް އިނގޭ ސީކްރެޓްއެއް ތީ. ޓެލް މީ ޒޯހާ. ކިހިނެއް އެނގުނީ ތިކަން... ކާކު ބުނީ. ޔަޤީނުންވެސް އަހަރެންގެ މަންމަ އާއި ބައްޕައެއް ނުބުނާނެ. އިތުރަށް އެކަން އިނގޭނީ ބޮޑުބެ އާއި ފަހަރި.... ވެއިޓް އަ ސެކް.. ޒަމީހާ އާންޓްއަށް އެނގޭނެ. ޒަމީހާ ތަ ބުނީ؟" އިޔަން ވާހަކަ ދައްކަމުން އެހިސާބަށް ދިއުމުން ޒޯހާއަށް ކަންބޮޑުވެގެން ދެފަރާތަށް ބޯހޫރުވައި ލެވުނެވެ. ވާހަކައިގެ ތެރޭގައި އޭނާއަށް ބުނަން ނުވާ އެއްޗެއްވެސް ބުނެވުނީ އެވެ.
ޒޯހާ ހިމޭންކަމާއި މޫނަށް އެރި ކުލަވަރުން އިޔަންއަށް ޖަވާބު ލިބުނެވެ. "ކޮންއިރަކު ބުނީ؟" އިޔަން ބާރުބާރަށް އަހައިލުމުން ޒޯހާ ސިއްސައިގެން ވެސް ދިޔައެވެ. "އަށްއަހަރު ކުރީން. ބައްޕަގެ ކިޑްނީ ފެއިލްވެގެން އެހީއަށް އެދި ދިޔައީމަ ބުނީ." އިތުރަށް ދޮގު ހެދުމުގެ ބޭނުމެއް ނެތްކަން އިހްސާސް ވެގެން ޒޯހާ ކިޔައިދޭން ނިންމިއެވެ. އިޔަން ކުއްލި އަކަށް ޒޯހާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓާލައިފައި ހަތަރުކަޅި ހަމަކޮށްލުމުން ޒޯހާގެ ނޭވާވެސް ތާށިވި ކަހަލައެވެ. "ޒޯހާ އަށްއަހަރު ކުރީން ކިހިނެއްވީ؟ ޓެލްމީ އެކްޒެކްލީ... ޒަމީހާ ކީކޭ ބުނެގެން ޒޯހާ އޭނަގެ ކޮއްކޮ އާއި މެރީކުރީ؟" އިޔަން ޒޯހާގެ ލޮލާއި ލޯ ސީދާ ކޮށްލައިގެން ހުރެ ވާހަކަދެއްކި އިރު އެފިރިހެންވަންތަ އަޑުގައި ތުރުތުރެއްވިއެވެ. އިވެން އުޅޭ ހަޤީޤަތުގެ ހުރި ހިތިކަން އެހާ ނުބުނަނީސް އިހްސާސް ކުރެވުނު ކަހަލައެވެ.
"ޒަމީހާ އަހަންނަށް އިންޒާރު ދިނީ އިޔަންއަށް ބޭވަފާތެރި ވުމަށް. އަދި އިޔަން އާއި މިއާގެ ކައިވެނީގެ ވާހަކަވެސް ބުނި. އަހަރެން ދެކޮޅުހެދީމަ ބުނީ އިޔަން މަރައިލާނެ ކަމަށް. އަހަރެން ޤަބޫލެއް ނުކުރަން. ދެން ޒަމީހާ ބުނީ އިޔަން އާއި މިއާގެ ކައިވެނި ހަމަޖެއްސީ ކޮމްޕެނީ އާއި ގޭގެ ހުރިހާ މުދަލެއް އިޔަންގެ ނަމަށް ލިޔެފަ އޮތީމަ ކަމަށް. އެކަމަކު އިޔަން މަރުވެއްޖެ ނަމަ އެތަކެތި އޭނާގެ ދަރިފުޅަށް ލިބޭނެ ވާހަކަ. އެހެންވީމަ އިޔަން މަރާލަން އޭނަ ފަހަރެއްގައި ވެސް ފަސްނުޖެހޭނެ ކަމަށް. އަދި ހަމަ އެދުވަހު އެވަގުތު އޭނަ ސްކައިޕް އޮންކޮށްގެން އަހަރެންގެ ކުރިމަތީ ވީޑިއޯ ކޯލްއެއްވެސް ކުރި. އިޔަންގެ މަރުވަނީ ކިހާ ކައިރީގައި ކަން ޔަޤީންކޮށްދޭން. އިޔަންއަށް ފަހަރެއްގަ ނޭނގިދާނެ އެކަމަކު އެދުވަހު ޒަމީހާ ގުޅި ފިރިހެންކުއްޖާ ވާހަކަ ދެއްކި އިރު ފަހަތުގައި ހުރި މޭޒެއްގެ ދޮށުގައި އިޔަން އާއި ކުދިންތަކެއް ތިއްބާ އަހަރެން ދުށިން. އަދި ޒަމީހާ ބުނި އިޔަންގެ މަރުގެ ޚަބަރު ލިބިގެން ޝާފިޔާ ދައްތައަށް ކެތްނުވާނެ ކަމަށް. ހިތުގެ މައްސަލަ ހުންނާތީ އާއި ކުރިންވެސް ދެފަހަރު ހާޓް އެޓޭކް އައިސްފަ ހުރީމަ އެވާހަކަ. އެހިސާބުން އިޔަންގެ ބައްޕަވެސް މަގުން އެއްފަރާތް ކޮށްލާނެކަމަށް. އެއިރުން އިޔަންގެ މުޅި އާއިލާ ހަލާކުވެ އޭގެ ޒިންމާދާރަކަށް އަހަރެން ވާނެކަމަށް." ލަސްލަހުން ޒޯހާ ކިޔައިދީ ނިމުނު އިރު ދެލޮލަށް ކަރުނަތައް ޖަމާވެ ނުކުޅަދާނަ ވެގެން ކޯތާފަތްމައްޗަށް އޮހިގެންފިއެވެ.
އިޔަން އެވާހަކަތައް އަހާފައި ބުނާނެ އެއްޗެއް ނޭނގިގެން ކުރެވުނު ކަމަކީ ޒޯހާ ގެނެސް މޭގައި ޖައްސައިލުމެވެ. ޒޯހާގެ ތުރު ތުރު އަޅާ ދެ ތުންފަތް ފޫދުއްވާލައިފައި ހިމޭން ގިސްލުމެއްގެ އަޑު ބޭރުވާން ފެށީ އެހިސާބުންނެވެ. އިޔަންގެ އަތުގެ ހިމާޔަތް ލިބުމުން ކެތްތެރިކަން ކޮޅުންލީއެވެ. "ޝޫޝޝ...." އިޔަން ޒޯހާގެ އިސްތަށިގަނޑުގައި ފިރުމައިލާފައި ކުރިއަށްވުރެވެސް ބާރަށް ބައްދައިލަމުން އެ ލުއިހަށިގަނޑު ބިމުން ހިއްލައިލި އެވެ.
"އައި ލަވް ޔޫ ޒޯހާ. އައި ލަވް ޔޫ ސޯމަޗް.... ދެން އެކަކަށްވެސް އަހަރުމެން ދުރެއް ނުކުރެވޭނެ. ދުނިޔޭގައިވާ އެއްވެސް ބާރަކަށް އަހަރުމެން ދޭތެރެއަށް ނުވަދެވޭނެ. އައި ޕްރޮމިސް ޒޯހާ. އައި ޕްރޮމިސް. އަދި އަހަރެން ވަރަށް އަވަހަށް ތީ އަހަރެންގެ އޮފިޝިއަލް ހައްޤަކަށް ހަދާނަން." އިޔަން އަސަރާއެކު ބުނެލިއެވެ.
(ނުނިމޭ)