03 Aug 2013, 23:00
ކާބުލް (އޮގަސްޓް 3): އަފްޣާނިސްތާނުގައި ހުންނައިންޑިޔާގެ ކޮންސިއުލޭޓަކަށް އަމާޒުކޮށް ދިން ކާރު ބޮމުގެ ޙަމަލާތަކެއްގައި ނު މީހުން މަރުވެއްޖެ އެވެ.
މިއީ ތިން މީހަކު އަމިއްލައަށް މަރުވެގެން ދިން ކާރުބޮމުގެ ޙަމަލާތަކެއް ކަމަށާ ގޮވާތަކެތި އަޅާފައިވާ މިކާރުތައް ގޮއްވާލާފައި ވަނީ އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ޖަލާލް އާބާދުގައި ހުންނަ އިންޑިޔާގެ ކޮންސިއުލޭޓްގެ ކައިރީގައި ހުންނަ ޗެކްޕޮއިންޓެއްގެ ކައިރީގައި ކަމަށް އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ. ކާރުބޮމުގެ މިޙަމަލާތަކުގައި މަރުވި ނުވަ މީހުންނާއި ޒަޚަމްވި 22 މީހުންނަކީ ވެސް އަފްޣާން ރައްޔިތުންނެވެ. މަރުވި މީހުންގެ ތެރޭގައާއި ޒަޚަމްވި މީހުންގެ ތެރޭގައި އަފްޣާން ފުލުހުންނާއި އާންމުން ވެސް ހިމެނެ އެވެ. ޒަޚަމްވި ޢާންމުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ.
މިޙާދިސާގައި މަރުވެ އަދި ޒަޚަމްވި މީހުންގެ ތެރޭގައި އިންޑިޔާގެ ކޮންސިއުލޭޓާ ޖެހިގެން ހުންނަ މިސްކިތެއްގައި އެވަގުތު ނަމާދަށް ތިބި މީހުން ވެސް ހިމެނޭކަމަށްވެ އެވެ. މިޙާދިސާއާ ގުޅިގެން އިންޑިޔާވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. މިހާރު މިސަރަހައްދު ވަނީ އަފްޣާން ފުލުހުންގެ ކޮންޓްރޯލްގެ ދަށުގައި ކަމަށާ މިޙާދިސާގައި އިންޑިޔާގެ އެއްވެސް ރައްޔިތަކަށް އަދި ޑިޕްލޮމޭޓަކަށް ވެސް ގެއްލުމެއްނުލިބޭ ކަމަށް އިންޑިޔާގެ ޚާރިޖިއްޔާ އިން ބުނެފައިވެ އެވެ.
މިޙަމަލާތައް ދީފައި މިވަނީ އަލްޤާއިދާގެ ޙަމަލާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރުއޮތް ކަމަށްބުނެ އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކުން މެދުއިރުމަތީގައިވާ އެގައުމުތަކުގެ އެންބަސީތައް މާދަމާ ބަންދުކުރުމަށް ނިންމާފައިވަނިކޮށެވެ. (އަލްޖަޒީރާ)