03 Aug 2013, 22:31
ކާބޯ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ދިވެހި ސިފައިންގެ ކުލަބުން ކަށަވަރުކޮށްފި އެވެ.
ސިފައިން ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކުރީ ޓާފް އެއްނަބަރު ދަޑުގައި މިއަދު ހަވީރު ކުޅުނު ސެމީފައިނަލުގެ ތިން ވަނަ މެޗުގައި ކުލަބު އީގަލްސްއާ ބައްދަލުކޮށް 0-1 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މިއަދުގެ މެޗުގައި އީގަލްސް ކޮޅަށް ސިފައިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އެ ޓީމަށް ޖަހައިދިނީ މެޗްގެ މޮޅުކުޅުންތެރިއާގެ މަގާމް ވެސް ހޯދި ޖާޒީ މުހައްމަދު ރަމީޒް އެވެ.
މުބާރާތުގެ ފައިނަލް މެޗްގައި ސިފައިންގެ ކުލަބް ނިކުންނާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އީގަލްސްއާ ބައްދަލުކޮށް 3-1 ލަނޑުން މެޗް ކާމިޔާބުކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:15 ގަ އެވެ.