03 Aug 2013, 22:30
އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް، ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ސެމީފައިނަލުން ސޮނީ ހާޑްވެއާ، ކޯސްޓްލައިން ހާޑުވެއާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ކޭޕީއެމްޖީ ޖާގަ ހޯދައިފި އެވެ.
ސޮނީ ހާޑުވެއާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ކުޅުނު ދެމެޗުން މޮޅުވެ ޖުމްލަ ހަތަރު ޕޮއިންޓު ހޯދައިގެންނެވެ. ކޯސްޓްލައިން ވެސް ސެމީއިން ޖާގަ ހޯދީ ގުރޫޕް ސްޓޭޖްގައި ކުޅުނު ދެމެޗުން މޮޅުވެ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. ކޭޕީއެމްއެމްޖީވެސް ދެމެޗުން މޮޅުވެ ހަތަރު ޕޮއިންޓް ހޯދާފައިވާއިރު އެމްއޭސީއެލް ސެމީއިން ޖާގަހޯދީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ޕޭން އޯޝަން އިންޓަނޭސަނަލްއާއި ބައްދަލުކޮށް ހަ ވިކެޓުން މެޗު ކާމިޔާބުކުރީ ސޮނީ ހާރޑްވެއާ އެވެ.
ޓޮސް ދިމާވުމުން ޕޭން އޯސަން އިންޓަނޭސަނަލް ކުޅެންއަރައި އަށް އޯވަރުގެތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 76 ލަނޑެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 23 ލަނޑުހެދި މުހަންމަދު އެވެ. ޖަވާބުގައި ސޮނީ ހާޑްވެއާ ކުޅެންއަރައި ދެކުޅުންތެރިން ނުބައިވެގެން 77 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 17 ލަނޑުހެދި އިޝާން އާއި 16 ލަނޑުހެދި ސިޔާމް އެވެ. އެ މެޗްގައި އެންމެ ރަގަޅަށް އުކީ 19 ލަނޑަށް ދެވިކެޓްނެގި އިޝާން އެވެ.
ދެވަނަ މެޗް އެމްއޭސީއެލްއާ ބައްދަލުކޮށް ހަތް ވިކެޓުން ކާމިޔާބުކުރީ ކޭޕީއެމްޖީގެ ޓީމް އެވެ. ޓޮސްދިމާވުމުން އެމްއޭސީއެލްގެ ޓީމް ކުޅެންއަރައި ދެ ކުޅުންތެރިން ނުބައިވެގެން 62 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 31 ލަނޑުހެދި އިސްމާއިލް އަނިލް އެވެ. ޖަވާބުގައި ކޭޕީއެމްޖީ ކުޅެންއަރައި ފަސް އޯވަރުގެތެރޭގައި އެއްވިކެޓަށް 63 ލަނޑުހެދި އެވެ. އެންމެ ރަގަޅަށް ކުޅުނީ 15 ލަނޑުހެދި ރަދިތާ އެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި މަދަމާ ހަވީރު 4:10ގައި ކުޅެން ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ކޯސްޓްލައިންއާއި އެސްޓީއޯ އެވެ.
މުބާރާތުގެ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ، ހޯމަ ދުވަހު ހަވީރު އެވެ. ފުރަތަމަ މެޗުގައި ވާދަކުރާނީ، ކޯސްޓް ލައިންއާއި އެމްއޭސީއެލް އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ސޮނީ ހާޑްވެއާއާއި ކޭޕީއެމްޖީ އެވެ.