03 Aug 2013, 21:50
މިރޭ އިޝާ ނަމާދު ވަގުތުގައި އައި ބާރުގަދަ ކޮޅިގަނޑެއްގައި ފ. ބިލެތްދޫ ގެއެއްގެ ފުރާޅުން ބައެއް ވަރަށް ދުރަށް ވިއްސައިގެން ހިނގައްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ބިލެތްދޫ ކައުންސިލްގެ ނާއިބް ރައީސް ހަސަން މައުމޫން ވިދާޅުވީ މިރޭ ގާތްގަނޑަކަށް 7:40 އެހާކަންހާއިރު ހިނގި އެ ހާދިސާގައި އެ ރަށު މަހިނޫރު ގޭގެ ފުރާޅުން ބައެއް، ބާރު ވަޔާ އެކު 50 ވަރަކަށް ފޫޓު ދުރަށް ވިއްސައިގެން ގޮސްފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި ނަމަވެސް ގޭގެ އިމާރާތަށާއި މުދަލަށް ގެއްލުން ލިބުނުކަން އެނގޭނީ މާދަމާ ޗެކްކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ. އެގޭގެ އިމާރާތަށާއި މުދަލަށް ގެއްލުން ލިބުނުކަމެއް އަދި ނޭނގޭ. އެކަން އެނގޭނީ އަޅުގަނޑުމެން މާދަމާ ޗެކްކުރުމުން،" މައުމޫން ވިދާޅުވި އެވެ.
ފުރާޅުގެ ބައެއް ވެއްޓިފައި ވާތީ މީހުން ދިރިއުޅެނީ އެގޭގެ އެހެން ބައެއްގައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވައިގަދަވުމުގެ ސަބަބުން ރަށުގެ އެކި ސަރަހައްދުގައި ހުރި ގަސްތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް ގެއްލުންތަކުގެ ތަފްސީލު އެނގޭނީ މާދަމާ އެކަން ބެލުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.