އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވައިފައިވެއެވެ. އިސްލާމުދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޡް ކުރެއްވިއެވެ.

"ނަމާދުގެ ތެރޭގައި ޤުރްއާން ކިޔެވުން ނަމާދުން ބޭރުގައި ޤުރްއާން ކިޔެވުމަށް ވުރެ ހެޔޮކަންބޮޑެވެ."
(އަލްބައިހަޤީ: ޖިލްދު:2)

ތަރާވީޙަކީ ކޮބައިތޯއެވެ؟ އާދެ، އެއް ޙައިޡިއްޔަތަކުން ބަލާއިރު ތަރާވީޙަކީ ރަމަޟާންމަހު ނަމާދަށްތިބެ ޤުރްއާން ކިޔެވުމާއި، ޤުރްއާން އަޑުއެހުމެވެ. ތަރާވީޙުގެ ޙަޤީޤަތަކީ މިއީއެވެ. އުއްމުލް މުއުމިނީންގެ އިސްވެދިޔަ ރިވާޔަތުން ތަރާވީޙު ނަމާދުގައި ޤުރްއާން ކިޔެވުމާއި ޤުރްއާން އަޑުއެހުމުގެ މުހިންމުކަން ހާމަވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ޖަމާޢަތުގައި ތަރާވީސްކުރުން ޢާއްމުވެފައެއް ނުވެއެވެ.

މިހާރުމިކުރެވޭ ގޮތަށް ތަރާވީސް ކުރުން ޢާއްމުކުރެއްވުމަކީ މުސްލިމުންގެ ދެވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުމަރުބުނުލް ޚައްޠާބު ރަޟިޔަﷲ އަންހުގެ އިސްނެންގެވުމެކެވެ. އެކަލޭގެފާނަށް ފަހު މުސްލިމުންގެ ތިންވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢުޡްމާންބިން ޢައްފާން ރަޟިޔަﷲ ޢަންހު އާއި، ހަތަރުވަނަ ޚަލީފާ އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ވެސް އެކަން ތަޞްދީޤު ކުރައްވައި ދެމެހެއްޓެވިއެވެ. އެގޮތުން ޖަމާޢަތުގައި ކުރެވޭ ތަރާވީޙު ނަމާދަކީ އަލްޚުލަފާއުއް ރާޝިދޫންގެ ސުންނަތަކަށްވިއެވެ. ހަމައެކަނި ޢަރަބި ދުނިޔެއަކުން ނޫނެވެ. މުޅި އިސްލާމީ އުންމަތުގައި ޢިޝާ ނަމާދަށް ފަހު ތަރާވީސްކުރުމަކީ ޢާއްމު އާދަޔަކަށް ވެފައިވާ ކަމެކެވެ.

ތަރާވީޙު ނަމާދު މިގޮތަށް ޢާއްމު އާދަޔަކަށް ވުމުގެ ސަބަބުތަކުގެ ތެރޭގައި ކީރިތި ޤުރްއާން ރައްކާތެރި ކުރެއްވުމުގެ ޙިކްމަތްވެސް އެކުލެވިގެންވެއެވެ. ތަރާވީސް ކުރުމަށްޓަކައި ވެސް ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ރޫޙު އުންމަތުގައި ޢާއްމުވެގެންދިޔައެވެ. ރަމަޟާން މަހުގެ ރޭތަކުގައި ތަރާވީޙު ނަމާދުގައި ޤުރްއާން ޚަތިމުކޮށް ކިޔެވުމާއި ޤުރްއާން އަޑު އެހުމަކީ ޗާޕްޚާނާތައް އުފެދި ޢާއްމުވުމުގެ ކުރިން ޤުރްއާން ޙިމާޔަތްކުރެވި ރައްކާތެރި ކުރެވުމުގެ ވެސް މުހިންމު ސަބަބަކަށް ވިއެވެ. އެކަކު ކިޔަވަމުންދާއިރު އެތައްބަޔަކު އަޑުއަހައި ކުށްތައްލައިދިނުމުން ޙާފިޒުންގެ ހިތުދަސް ކުރުން ޑަބަލް ޗެކްވަމުންދެއެވެ.

ޢާއްމުކޮށް ތަރާވީހު ނަމާދު ކުރެވެނީ ކީރިތި ޤުރްއާނުގެ ޙާފިޒަކު އިމާމުވެ ހުރެއެވެ. އޭނާ ތަރާވީޙު ނަމާދުގެ ރަކްޢަތްތަކުގައި މައުމޫމުންނަށް އަޑުއިވޭ ވަރަށް ބާރަށް ޤުރްއާން ކިޔަވައެވެ. މައުމޫމުން އިމާމާގެ ފަހަތުގައި ސަފުސަފަށް ތިބެ ހަމަހިމޭންކަމާ އެކު ޤުރްއާން އަޑުއަަހަމުން ގެންދެއެވެ. ޤުރްއާން ކިޔަވަމުން، އަޑުއަހަމުންދާއިރު މީސްތަކުންގެ ވިސްނުން ފިޠުރީގޮތުން ޤުރްއާނުގެ މާނައާދިމާޔަށް ދެއެވެ. މިގޮތުންބަލާއިރު ތަރާވީޙުނަމާދަކީ ޤުރްއާން ތަދައްބުރު ކުރުމުގެ އިޖްތިމާޢީ ރަސްމިއްޔާތެކޭ ދަންނަވާނެ ޖާގަ އެބައޮތެވެ.

ތަރާވީޙު ނަމާދަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ޚާއްޞަ އަޅުކަމަކަށް ވިޔަސް އެއަޅުކަމަކީ ކީރިތިޤުރްއާނާ މެދު އިޖްތިމާޢީ ފެންވަރެއްގައި ވިސްނައި ފިކުރުކުރުމުގެ ފުރުޞަތެއްގެ ޙައިޡިއްޔަތުން ވިސްނައިލުމުން ތަރާވީޙުނަމާދުގެ އަހައްމިއްޔަތު އެތައް ގުނައެއް އިތުރުވެއެވެ. ޝައްކެއް ނެތެވެ. ރޯދަމަހުގެ ރޭތަކުގައި ކުރެވޭ ތަރާވީޙު ނަމާދަކީ އުންމަތުގެ ތެރޭގައި ޤުރްއާނީ ފިކުރު ހޭލައްވައިލުމުގެ އިންގިލާބީ ޒަރީޢާއެކެވެ.