މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ވެރިކަމުން ދުރުކުރި މައްސަލައިގައި އަލްގާއިދާގެ ވެރިން ފާޑު ކިޔައފިއެ އެވެ.

ރިޕޯތްތައް ބުނާގޮތުން އަލްގާދާގެ ލީޑަރު އައިމަން އަލް ޒަވާހިރީގެ މެސެޖެއް ކަމަށް ބެލޭވޭ އެ ސްޓޭޓްމަންޓް ޕޯސްޓްކޮށްފައި ވަނީ، ޖިހާދިސްޓް ފޯރަމްތަކުގަ އެވެ. އަދި މުރުސީ ވެރިކަމުން ދުރުކުރި މައްސަލަ ކުށްވެރިކޮށް ނެރެފައިވާ އެބަޔާނަކީ، ޒަވާހިރީގެ ބަޔާނެއް ކަމަށް ބޮޑަށް ބެލެވެނީ، ކުރިން އޭނާ ނެރެފައިވާ އެފަދަ ސްޓޭޓްމަންޓްތަކުގެ އިބާރާތް ކުރުމާއި ބަހުރުވައަށް ބަލާފައިކަމަށް ސީއެންއެން އިން ވަނީ ބުނެފަ އެވެ.

ހުކުރު ދުވަހު އާންމުވެފައިވާ އެ ބަޔާނުގައި ތުހުމަތު ކޮށްފައިވާ ގޮތުން، މިސްރުގައި ޑިމޮކްރަސީއާ އެއްގޮތަށް އިންތިހާބު ކޮށްފައިވާ ރައީސް، ބަޣާވާތް ކޮށްގެން ގަދަކަމުން ވެރިކަމުން ބޭރުކޮށްފައި ވަނީ، ގަލްފުގެ ބައެއް ގައުމުތަކާއި އެމެރިކާއިން ބައިވެރިވެގެން މިސްރު ބައިބައި ކުރުމަށް ކަމަށެވެ.

އޭޕީއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އަލް ޤާއިދާގެ އިންޒާރުތަކާ ހުރެ، އެމެރިކާއިން ވަނީ، "އެކްސްޓްރާ އޯޑިނަރީ ގްލޯބަލް ޓްރެވަލް ވޯނިން"އެއް ނެރެފަ އެވެ. އަދި ޔޫއެސްގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތު ތަކަކާއި ގުޅިގެން ސަލާމަތީ ސަބަބުތަކަށް ޓަކައި އެމެރިކާ އިން ވަނީ، މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެގައުމުގެ އެމްބަސީތައް އާދީއްތަ ދުވަހު ބަންދު ކުރުމަށް ނިންމާފަ އެވެ.

މި ދިޔަ ހަފްތާގެ ކުރީ ކޮޅުގައި ޖިހާދު ފޯރަމްތަކުން ޒަވާހިރީގެ މެސެޖެއް ކަމަށްބުނެ ފަތުރާފައިވާ ހަބަރުތަކާ ގުޅިގެން، އަލްގައިދާއިން އެމެރިކާއަށް ހަމަލާއެއް ދީފާނޭ ކަމުގެ ބިރުވެރިކަން އެމެރިކާއަށްވަނީ ކުރިމަތިވެފަ އެވެ.