03 Aug 2013, 13:19
ފިތުރު ޒަކާތުގެ ގޮތުގައި ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްޓްރީ މުހައްމަދު ދީދީ (ޑީޑީ) "ސަން"އަށް ވިދާޅުވީ މިއަހަރު ފިތުރު ޒަކާތް ދެއްކުމަށް ހަމަޖައްސާފައިވާ ތަފާތު އެކި ވަސީލަތްތައް މެދުވެރިކޮށް މިހާތަނަށް މުޅި ރާއްޖެއިން ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.
"މިއަހަރު ފިތުރު ޒަކާތް ދެއްކި މީހުންގެ އަދަދު އަދި އަޅުގަނޑުމެންނަށް ދަންނަވަން ދަތި. އެހެން ނަމަވެސް މިއަހަރު ފިތުރު ޒަކާތް ދެއްކުމަށް ހަމަޖައްސާފައިވާ ތަފާތު އެކި ވަސީލަތްތަކުގެ ޒައްރީއްޔާއިން ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވޭ،" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި މުޅި ރާއްޖެއިން ލިބުނީ 2.4 މިލިޔަން ރުފިޔާ ކަމަށާއި މިއަހަރު އެއަށްވުރެ އިތުރުވެގެން ހިނގައިދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މާލޭގައި ފިތުރު ޒަކާތް ދައްކާފައިވާ ނިސްބަތާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޑީޑީ ވިދާޅުވީ މިހާތަނަށް އިސްލާމީ މަރުކަޒަށް ފިތުރު ޒަކާތުގެ ގޮތުގައި 46000ރ. ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ އަހަރު މުޅި މާލެއިން ލިބިފައި ވަނީ 86000ރ. ކަމަށާއި އެހެން ކަމުން މިއަހަރު މާލެއިން ވެސް ފިތުރު ޒަކާތް އިތުރުވުން އެކަށީގެންވާ ކަމަށް ޑީޑީ ވިދާޅުވި އެވެ.
ފަގީރުންގެ ގޮތުގައި މާލެއިން 13000 ހަށްވުރެ ގިނަ މީހުން މާލެއިން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ޑީޑީ ވިދާޅުވި އެވެ.
ޑީޑީ އިތުރަށް ވިދާޅުވީ މިއަހަރު ފިތުރު ޒަކާތް ދެއްކުމުގެ އެންމެ ފަހު ދުވަކީ މާދަމާ ކަމަށާއި އެހެން ކަމުން މާދަމާ ރަސްމީ ގަޑި ނިމެންދެން ޒަކާތް ބަލައިގަންނާނެ ކަމަށެވެ.