11 Nov 2010, 05:48
އެމެރިކާ ސަރުކާރުން ޓެރަރިޒަމާ ދެކޮޅު ހަނގުރާމައެއްގެ ގޮތުގައި ސިފަކުރާ ހަނގުރާމަ ފެށުމާއެކު އެމެރިކާގެ ސަފުގައި އެންމެ ފުރަތަމަ ބައިވެރިވި އެއް ޤައުމަކީ ޕާކިސްތާނެވެ. ޓެރަރިސްޓުންގެ ހާއްޔެއްގެ ގޮތުގައި އެއިރުވެސް، އަދި މިހާރުވެސް ސިފަކުރެވެމުންދާ ޕާކިސްތާނެވެ. ބައްރު ސަޣީރުގެ މުސްލިމުންނަށް އިސްލާމީ ދައުލަތެއް ހޯދައިދިނުމުގެ ނަމުގައި ގާއިމުކުރެވުނު ޕާކިސްތާނެވެ. ނަމަވެސް އެ ހަނގުރާމަޔަށް އެތައް އަހަރެއް ވެގެން ގޮސްފައިވާ އިރު، ޕާކިސްތާން އުއްމީދުކުރި ވަރާ ގާތަށް ވެސް އެމެރިކާގެ ލޯތްބާއި ރުހުން ލިބިފައި ނުވާ ކަމީ މުޅި ދުނިޔެ ދަންނަ ހަގީގަތެކެވެ.
މިއީ އެމެރިކާގެ ޒަމާނެވެ. މިއަދުގެ ދުނިޔޭގައި ގިނަ ގައުމުތަކުގެ ވެރިކަން ކުރަން ޖެހޭނީ ކޮން ކަހަލަ ނިޒާމެއްގެ ދަށުންކަން ކަނޑައަޅަނީ ވައިޓް ހައުސުންނެވެ. ގިނަ ގައުމުތަކުގައި ހިންގާނީ ކޮން ގާނޫނުތަކެއްކަން ކަނޑައަޅަނީ ވައިޓް ހައުސުންނެވެ. ގިނަ ގައުމުތަކުގެ އިގުތިސާދީ އޮނިގަނޑު ބިނާވެފައި އޮންނަން ވާނެ ގޮތް ކަނޑައަޅަނީ ވައިޓް ހައުސުންނެވެ. ދުނިޔޭގެ އަހުލުވެރީން ގަބޫލުކުރަންވީ އުސޫލުތަކާއި ހަމަތަކާއި ގޮތްތަކަކީ ކޮބައިކަން ކަނޑައަޅަނީވެސް ވައިޓް ހައުސުންނެވެ. އޭޝިޔާގައި އެމެރިކާގެ މަނަސް އިތުރަށް ވަރުގަދަކުރުމަށްޓަކައި ވޮޝިންގޓަނުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ މިސްރާބު ހުރީ ކޮން ދިމާޔަކަށްކަން އިތުރަށް ސާބިތުވެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އެންމެ ބޮޑު ހިތްދަތިކަމެއް މި ފަހަރުވެސް ލިބޭނެ އެއް ޤައުމަކީ ޕާކިސްތާނެވެ. އެމެރިކާގެ ރުހުން އަދައިގެން ބޮލާފޮށާ އަޅައިގެން އުޅޭ ޕާކިސްތާނެވެ.
އެމެރިކާގެ ރައީސް މިހާރު އޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދިހަ ދުވަހުގެ ދަތުރުފުޅުގައި، އިންޑިޔާގެ މުމްބާއީގައި ތަޤުރީރުކުރައްވަމުން ޕާކިސްތާނަށް ފާޑުވިދާޅުވުމުން އެމެރިކާގެ ސިޔާސަތުގައި ޕާކިސްތާނަށް އޮތް މަޤާމު ވަރަށް ރަނގަޅަށް ވަނީ ހާމަވެގެން ގޮސްފައެވެ. މުމްބާއީގެ ސެއިންޓް ޒޭވިއަރސް ކޮލެޖްގައި ބޭއްވުނު ޚާއްސަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އޮބާމާ ވިދާޅުވެފައިވަނީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި ޕާކިސްތާނުގެ ފަރާތުން ލިބެމުންދަނީ އެމެރިކާ ބޭނުންވާފަދަ ފުރިހަމަ އެއްބާރުލުމެއް ނޫން ކަމުގައެވެ. މި ޖަލްސާގައި ސެއިންޓް ޒޭވިއަރސް ގެ ދަރިވަރަކު އޮބާމާޔާ ކުރި އެއް ސުވާލަކީ އިންޑިޔާގެ އެތައް ސަތޭކަ މިލިއަން ބަޔަކު ޕާކިސްތާނާ މެދު ގެންގުޅޭ ވިސްނުން ތަމްސީލުކުރާ ސުވާލެކެވެ. އެ ދަރިވަރު ސުވާލުކުރީ އެމެރިކާ ސަރުކާރުން ޕާކިސްތާނަކީ ޓެރަރިސްޓް ދައުލަތެއް ކަމަށް ކަނޑަނައަޅަނީ ކީއްވެގެންތޯއެވެ.
އިންޑިޔާގެ ގިނަ ބަޔަކު ދެކޭ ގޮތުގައި ޕާކިސްތާނަކީ ޓެރަރިސްޓް ދައުލަތެކެވެ. ޕާކިސްތާނުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި އިންޑިޔާއަކީ ޝައިތާނީ ބާރެކެވެ. އާއްމު ފެންވަރުގައި އޮންނަ ނަފްރަތުގެ ޝުއޫރުތައް އާއްމު ގޮތެއްގައި ދެ ގައުމުގެ ސިޔާސީ ވެރީންގެ ފެންވަރުގައިވެސް ފެންމަތިވެގެން ދާތަން ފެނެއެވެ. އެހެންކަމުން ދެކުނު އޭޝިޔާގެ ބޮޑު ދެ ބާރުގެ ދެމެދުގައި ދުވަހަކުވެސް އެކުވެރިކަމާއި ސުލްހައިގެ ދެމެހެއްޓެނިވި ގުޅުންތަކެއް ގާއިމުކުރެވިދާނެކަމާމެދު ޝައްކުކުރާ މީހުން ވަރަށް ގިނައެވެ. އަނެއްކޮޅުން، ދެ ގައުމުގައިވެސް ނިއުކުލިއަރު ހަތިޔާރު ހުރި ކަމަށް ބުނެވޭ އިރު، ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިއްޖެނަމަ އެ ހަނގުރާމައެއް ވެގެން ދާނީ މުޅި ސަރަހައްދު އަންދައި ހަނާކޮށްލާފަދަ ހޫނުކަން ގަދަ ހަނގުރާމައެއްކަމާމެދު ޝައްކުކުރާ މީހުންވެސް ވަރަށް މަދެވެ.
އޮބާމާގެ ވާހަކަފުޅުގައި ޕާކިސްތާނަށް ފާޑުވިދާޅުވިއިރު، އޭނާ ވަނީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމައިގައި އިންޑިޔާއާއި އެމެރިކާއާ ދެ ގައުމުގެ ގުޅުން ވަރަށް ބަދަހިކަމަށް ވިދާޅުވެ، އެ ގުޅުން ކުރިޔަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވާނެކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ، އޮބާމާ ވަނީ އެމެރިކާއާއި އިންޑިޔާއާ ދެމެދު ވިޔަފާރީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމަށްޓަކައި ހިންގޭ އާ މުއާމަލާތަކަކާ ބެހޭ މައުލޫމާތުވެސް ރަސްމީކޮށް ހާމަކުރައްވާފައެވެ. ދިހަ ބިލިއަން ޑޮލަރުގެ މި މުއާމަލާތަކުގެ ތެރޭގައި އެމެރިކާގެ ބޮއިންގ 737 ގެ ތިރީސް މަތިންދާބޯޓު އިންޑިޔާއަށް ވިއްކުމާއި، އިންޑިޔާގެ ރިލައެންސް އެނަރޖީ ލިމިޓެޑަށް 500 މިލިއަން ޑޮލަރުގެ އަގުހުރި ހެވީ ޑިޔުޓީ ގޭސް ޓަރބައިން ވިއްކުމާއި، އެމެރިކާގެ ހާރލީ ޑޭވިޑްސަން ކުންފުނީގެ ފެކްޓަރީއެއް އިންޑިޔާގައި ގާއިމުކުރުމުގެ މުއާމަލާ ހިމެނެއެވެ. މި މުއާމަލާތަކުގެ ސަބަބުން އިންޑިޔާގެ ދަތުރުފަތުރާއި، ހަކަތައާއި، އުފެއްދުމުގެ ސިނާއަތުގެ އަގު އެތައް ބިލިއަން ޑޮލަރެއްގެ މިންވަރުން އިތުރުވެގެން ދާނެއެވެ. މީގެ އިތުރަށް އެމެރިކާއިން ވަނީ އިންޑިޔާގެ އަސްކަރިއްޔާއަށް އެންމެ މި ޒަމާނުގެ ހަތިޔާރުގެ ޝިޕްމަންޓުތަކެއްވެސް ވިއްކަން އެއްބަސްވެފައެވެ. މި ހުރިހާ ކަމެއް ހިނގަމުން ދާ އިރު، ޕާކިސްތާނަށް އޮތް ހަމައެކަނި ގޮތަކީ ހިންދިރުވައިލައިގެން އޮތުމެވެ.
މި ދަނޑިވަޅުގައި ޕާކިސްތާނަށްވުރެ ބޮޑަށް އިންޑިޔާއާއެކު ގުޅުން ބަދަހިކުރުމަކީ އެމެރިކާގެ އިގުތިސާދީ މަސްލަހަތުވެސް ނިޔާކުރާ ގޮތެވެ. އޮބާމާގެ ސަރުކާރަށް އެމެރިކާގައި ވަޒީފާނެތް މީހުންގެ މައްސަލަ ހައްލުނުކުރެވުމުގެ ނަތީޖާއެއްގެގޮތުން ވެއަތުވެދިޔަ މިޑްޓާރމް އިންތިޚާބުގައި އޭނާގެ ޕާރޓީއަށް ވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައެވެ. އެމެރިކާގެ އެކްސްޕޯރޓް އިތުރުކޮށް، ގައުމުގައި އިތުރު ވަޒީފާތައް އުފެއްދުމަށްޓަކައި ބޮޑެތި ބާޒާރުތައް އޮތް، އިގުތިސާދީގޮތުން ގާބިލުކަން ލިބިގެންވާ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ އޮބާމާގެ ސަރުކާރު މި ވަގުތު އެންމެ ބޭނުންވާ އެއް ކަންތަކެވެ. މި މަގުސަދު އެންމެ ރަނގަޅަށް ފުރިހަމަކޮށްދެވޭނެ ގައުމަކީ އިންޑިޔާއެވެ. މި ނުކުތާއަށް އަލިއަޅުވާލަދޭ ވާހަކައެއް އޮބާމާގެ ތަގުރީރުގައި ވިދާޅުވެސް ވިއެވެ. އޭނާ ވަނީ ވެއަތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އިގުތިސާދީ މައިދާނުގައި އިންޑިޔާ ހޯދާފައިވާ ކާމިޔާބަކީ އިންސާނީ ތާރީޚުގެ އެންމެ ހައިރާންކުރުވަނިވި އެއް ކާމިޔާބު ކަމަށް ސިފަކުރައްވާފައެވެ. އެހެންކަމުން އިންޑިޔާއަކީ އެމެރިކާގެ ވިޔަފާރީގެ ބޭނުންތައް ފުއްދައިދެވޭފަދަ ވިޔަފާރި ޕާރޓްނަރަކަށް ވާނެކަމަށް އެމެރިކާ ސަރުކާރު ގަބޫލުކުރާކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އެމެރިކާއާއި އިންޑިޔާގެ ގުޅުން އިތުރަށް ބަދަހިވެ، އެމެރިކާގެ އިގުތިސާދީ އަދި އަސްކަރީ ބައިވެރިވުން އިންޑިޔާއަށް ބޮޑަށް ލިބެމުންދާ ދިޔުމަކީ އިގުތިސާދީ ފައިދާތަކެއް ހޯދުމުގެ އިތުރަށް، މުޅި އޭޝިޔާގައި އެމެރިކާގެ މަނަސް އިތުރަށް ވަރުގަދަކުރުމުގެ ވަރަށް ވަރުގަދަ މަޝްރޫއެއްގެ ދަށުން ކުރާ ކަމެއްކަން ދޭހަކޮށްދޭ ހެކިތައްވެސް ދަނީ އިތުރުވަމުންނެވެ. އެ ހެކިތަކުގެ ސިލްސިލާއަށް އެންމެ ފަހުން އިތުރުވި ބޮޅަކީ އިއްޔެ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ރޮބަރޓް ގޭޓްސް އިޢުލާން ކުރެއްވި އަސްކަރީ ޕްލޭންތަކެވެ. މިހާރު އޮސްޓްރޭލިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި އުޅުއްވާ ގޭޓްސް ވިދާޅުވެފައިވާ ގޮތުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ދެކުނު އިރުމަތީ އޭޝިޔާގައި އިތުރަށް ވަރުގަދަކުރަން ވަނީ ހަމަޖެހިފައެވެ. އޭނާ ވިދާޅުވިގޮތުގައި މިއީ ކޮންމެހެން ޗައިނާއަށް ޗެލެންޖުކުރުމުގެ ގޮތުން ކުރެވޭ ކަމެއް ނޫނެވެ. އޭޝިޔާގައި ތިބި އެމެރިކާގެ އެކުވެރީންނާއެކު އަދިވެސް ބޮޑަށް ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން އެޅޭ ފިޔަވަޅެކެވެ. ނަމަވެސް މި ވާހަކަފުޅަށް އިތުބާރުކުރަނީ ބައެއް މީހުންނެވެ.
ފެންނަމުންދާ މަންޒަރުތަކުން ދޭހަވާން އުޅެނީ އޭޝިޔާ ކޮންޓްރޯލް ކުރުމަށްޓަކައި އެމެރިކާއާއި އިންޑިޔާ ކޮންމެވެސް ކަހަލަ ދެނެގަތުމެއް ނުވަތަ ސިއްރު ސިޔާސަތުތަކަކާއެކު ފައިހަމަކުރަމުންދާ ކަމެވެ. ޗައިނާއާއި ޕާކިސްތާނު ފަދަ ޤައުމުތައް އެކަހެރިކޮށްލުމުގެ ރޭވުންތަކެއް ރޭވި ތަންފީޒުކުރެވެމުންދާ ކަމެވެ. ކުރީންވެސް ދެންނެވުނު ފަދައިން އޮއިވަރު އޮތް ގޮތުގެ ސަބަބުން އެންމެ ބޮޑު ހިތްދަތިކަމެއް ލިބޭނެ ގައުމެއް ކަމަށް ފެންނަނީ ޕާކިސްތާނެވެ. އިގުތިސާދީ އަދި ސިޔާސީ ހާލަތު އޮތް ގޮތުން އެމެރިކާގެ އެކުވެރިކަމަށް އެންމެ ބޮޑަށް ދަހިވެތިވެފައި އޮތް ގައުމަކީ ޕާކިސްތާނެވެ. އެމެރިކާ ރުއްސައި، އެމެރިކާ ބޭނުންވާހައި ކަމެއް ކޮށްދޭން ވެއަތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތްކުރި އެއް ގައުމަކީވެސް ޕާކިސްތާނެވެ. ނަމަވެސް އެމެރިކާއަށް އެއިރުވެސް، އަދި މިހާރުވެސް ދެއްކެނީ ޕާކިސްތާނުގެ ކުށެވެ. އެހެންވެ، ޕާކިސްތާން އޮތީ ހޫނުފެނުގައެވެ. އެމެރިކާގެ ލޯބި ހާސިލުކުރަން ކުރި މިންނެތް މަސައްކަތްތަކާއި ވީ ބޮޑެތި ގުރުބާނީތަކުގެ އަގެއް ނުލިބުމުގެ ހިތާމައިގައެވެ.