03 Aug 2013, 13:19
މިމަހު ފީފާއިން ނެރުނު ކޮކާކޯލާ ވިމެންސް ވޯލްޑް ރޭންކިންގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ހަ ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ރާއްޖޭގެ އިތުރުން ސަރަހައްދުގެ އިތުރު ހަތަރު ގައުމަކަށް ވެސް ހަ ދަރަޖައިގެ ކުރިއެރުމެއް ލިބިފައިވާ އިރު، ދުނިޔޭގެ ރޭންކިންގެ 106 ވަނަ އަށް ކުރިއަށް ޖެހިލައި ރާއްޖެ އޮތީ ސަރަހައްދުގެ ފަސް ވަނައިގަ އެވެ. ރާއްޖޭގެ އިތުރުން ހަ ދަރަޖައިގެ ކުރިއެރުން ލިބުނު މި ސަރަހައްދުގެ ގައުމު ތަކަކީ، ސަރަހައްދުގެ ތިން ވަނައިގައި އޮތް ބަންގުލަދޭޝް، ހަތަރު ވަނައިގައި އޮތް ސްރީ ލަންކާ، ހަވަނައިގައި އޮތް ޕާކިސްތާން އަދި ސަރަހައްދުގެ ހަތް ވަނައިގައި އޮތް އަފްޣާނިސްތާން އެވެ.
މިފަހަރުގެ ރޭންކިންގައި ފަސް ދަރަޖައިގެ ކުރިއެރުމެއް ހޯދައިގެން ދުނިޔޭގެ ރޭންކިންގެ 99 ވަނަ އަދި ސަރަހައްދުގެ ދެވަނައިގައި ނޭޕާލް އޮތްއިރު އިތުރު ކުރިއެރުމެއް ނުލިބި ސަރަހައްދުގެ އެއްވަނައިގައި އޮތީ، ދުނިޔޭގެ ރޭންކިންގެ 50 ވަނައިގައި އޮތް އިންޑިއާ އެވެ. އަދި ސަރަހައްދުގެ އެންމެ ފުލަށް ގޮސްފައިވަނީ، ފަސް ދަރަޖައިގެ ކުރިއެރުމަކާ އެކު، ބޫޓާން އެވެ. އެ ގައުމު އޮތީ ދުނިޔޭގެ ރޭންކިންގެ 177 ވަނައިގަ އެވެ.
ޖޫންމަހު ފަހުކޮޅު ގަތަރުގެ އަންހެން ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ އަންހެން ޓީމް ކުޅުނު އެކުވެރިކަމުގެ ދެމެޗުންވެސް ވަނީ މޮޅުވެފަ އެވެ. އެގޮތުން ފުރަތަމަ މެޗުން 1-0 އިން މޮޅުވެ، ދެވަނަ މެޗުން ރާއްޖެ މޮޅުވީ 3-0 އިން ނެވެ.
ފީފާ އަންހެން ވޯލްޑް ރޭންކިންގެ ދުނިޔޭގެ އެއްވަނައިގައި އޮތީ މިވަގުތު އޮތީ އެމެރިކާއެވެ. އަދި ދެވަނައިގައި ޖަރުމަނު އޮތް އިރު ތިންވަނައިގައި އޮތީ ޖަޕާން އެވެ.