03 Aug 2013, 12:59
ހުޅުމާލޭގައި ބިދޭސީއަކު ދިވެހި އަންހެން ކުއްޖަކު ރޭޕްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ގާތްގަނޑަކަށް 9:30 އެހާކަންހާއިރު ހުޅުމާލޭގައި އަންހެން ކުއްޖަކާ މެދު "ގަދަކަމުން ބަދުއަހުލާގީ އަމަލު" ހިންގާފައިވާ މައްސަލައެއް މިއަދު ހެނދުނު 10:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެެވެ. އަދި އެ އަމަލު ހިންގާފައި ވަނީ އެ އަންހެން ކުއްޖާ ވަޒީފާ އަދާކުރާ އޮފީހަށް، މާލެ އަންނަނިކޮށް، މަގުމަތީގައި ގަދަކަމުން ހިފަހައްޓައި ހުޅުމާލޭގެ ރީތިގަސްމަގާއި ދިމާލު ހުޅަނގު ފަރާތުގައި ހުރި ގަސްތަކެއްގެ ތެރޭގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އަންހެން ކުއްޖާ އަށް ހުޅުމާލޭގެ ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ މިއަދު ހެނދުނު އަންހެން ކުއްޖާ ހުޅުމާލޭގައި ދިރިއުޅޭ ފްލެޓުން ނުކުމެގެން މާލެ އައުމަށް ޓަކައި ފެރީއަށް ދަނިކޮށް ކަމަށާއި އެ އަމަލު އެ ބިދޭސީ މީހާ ހިންގީ، އަންހެން ކުއްޖާ ރާސްތާކުރުކޮށްލުމަށް ޓަކައި ފްލެޓް ކުރިމަތިން އޮންނަ ގަސްތަކުގެ ތެރެއިން ލާފައި ހިނގާފައި ދަނިކޮށް، ގަދަކަމުން އޭނާ ހިފެހެއްޓުމަށް ފަހު ގަ އެވެ.
އެ އަމަލު ހިންގި ބިދޭސީ މީހާ ވަނީ އެއަމަލު ހިންގުމަށް ފަހު ވަރަށް އަވަސް އަރުވާލައިފައި މާލެ އައިސްފައި ކަމަށް އަންހެން ކުއްޖާއާ ހަވާލާދީ ބައެއް ފަރާތްތަކުން ބުންޏެވެ. އަދި އެވަގުތު އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށް ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފަކު ބުންޏެވެ. އަންހެން ކުއްޖާއާ ހަވާލާދީ ސަން އަށް ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ ކުއްޖާ ރޭޕް ކުރީ ބިދޭސީއެއް ކަމަށެވެ. އަދި އޭނާ އެ އަންހެންކުއްޖާ އަށް ވަޅިން ބިރު ދެއްކި ކަމަށާއި އަންހެން ކުއްޖާ އަށް ޖިސްމާނީ ގޮތުން އަނިޔާތަކެއް ލިބިފައިވާ ކަމަށް ސަން އަށް ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އަންހެން ކުއްޖާގެ މޫނުމަތި ވަނީ ދުޅަވެފައި އަދި ތުންފަތް ވެސް އޮތީ ވަރަށް ބޮޑަށް ދުޅަވެފައި. އަދި ގައިގައިވެސް ލޭ ހުރި،" އޭނާ ބުންޏެވެ.
އެ އަަމަލު ހިންގާފައި ވަނީ ބިދޭސީއަކު އެކަނި ކަމަށް އަންހެން ކުއްޖާއާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނި ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ހޯދަމުން އަންނަ ކަމަށެވެ. ނަމަވެސް އެ އަމަލުގައި ބައިވެރިވެފައި ވަނީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.