03 Aug 2013, 12:55
ބީފިފްޓީޓޫ އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ރޭ މާޒިޔާ އަތުން 1-0 އިން ބަލިވެ، ކްލަބް ވެލެންސިއާ އަށް މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިމިއްޖެ އެވެ.
ރޭގެ މެޗުން މާޒިޔާ މޮޅުވުމުން އެޓީމް ވަނީ ސެމީ ފައިނަލަށް ދަތުރު ކޮށްފައެވެ.
ވެލެންސިއާއަށް ސީޒަން ނިންމާލަން ޖެހުނީ މި އަހަރު ވެސް ގަދަހަތަރަކުން ޖާގަ ނުލިބި އެވެ. ދިރާގު ދިވެހި ލީގުގައި އެ ޓީމަށް ލިބުނީ ފަސް ވަނަ އެވެ. މިހެންވެ ޕްރެޒިޑެންޓްސް ކަޕުން ޖާގަ ނުލިބޭނެ އެވެ.
ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެލެންސިއާ ކޮޅަށް މާޒިޔާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަލްގޭރިޔާގެ މިޑްފީލްޑަރު ޔަވޯ ވަންޑޭފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އޭވައިއެލް އާއި ވީބީ އެވެ. މެޗް ކުޅޭނީ މާދަމާ ރޭ 10:00ގަ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ސެމީއަށް ދަތުރު ކުރާއިރު، ސެމީގައި އެޓީމް ނިކުންނާނީ ރޭގެ މެޗުން މޮޅުވި މާޒިޔާއާ އެވެ. މުބާރަތުގެ ތިން ވަނަ ކުއާޓާފައިނަލުގައި ހޯމަ ދުވަހުގެރޭ ބައްދަލުކުރާނީ ނިއު ރޭޑިއަންޓާއި ވިކްޓަރީ އެވެ. އަދި ކުއާޓާފައިނަލުގެ ފަހު މެޗުގައި އަންގާރާ ދުވަހުގެ ރޭ ބައްދަލުކުރާނީ އީގަލްސް އާއި ބީޖީ ސްޕޯޓްސް އެވެ.
ޗެމްޕިއަން ޓީމަށް އޭއެފްސީ ކަޕުން ޖާގަ ލިބޭ މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗް ތައް ކުޅުމަށް އެފްއޭއެމް އިން ނިންމާފައި ވަނީ ސާފް ޗެމްޕިއަންޝިޕަށް ފަހު އެވެ.