ޓޮޓެންހަމްގެ މިޑްފީލްޑަރު ގެރެތު ބޭލް ހޯދުމަށް ރެއާލް މެޑްރިޑުން 86 މިލިއަން ޕައުންޑުގެ ވޯލްޑް ރެކޯޑް ޓްރާންފާ ފީއެއް ހުށަހެޅުމަކީ، ޖޯކެއްގެ ގޮތުގައި އާސެނަލްގެ ކޯޗު އާސީން ވެންގާ ސިފަކޮށްފި އެވެ.

ވެންގާ ގަބޫލުކުރާ ގޮތުގައި، ރެއާލްއިން ބޭލް ހޯދުމަށް ހުށަހަޅާފައިވާ އަގަކީ، ކްލަބްތަކުން އަމަލުކުރުމަށް ތައްޔާރުވަމުންދާ "ފައިނޭންޝަލް ފެއާޕްލޭ" ގަވާއިދުތަކަށް ކުރިމަތި ކުރުވާ ބޮޑު ޖޯކެއް ކަމަށެވެ.

"އެއީ ފައިނޭންޝަލް ފެއާޕްލޭ ރެގިއުލޭޝަންއަށް ޖަހާ ޖޯކެއް،" ވެންގާ ބުންޏެވެ. "އަހަރެން ވަރަށް ބޮޑަށް ހައިރާންވޭ، ކްލަބްތަކުގެ މާލީ ކަންކަން ބަލަހައްޓާނޭ ގޮތުގެ ގަވާއިދެއް އެކުލަވާލެވި، އެއަށް އަމަލުކުރުމަށް ތައްޔާރުވަމުން މިދާ އަހަރުގައި، ދުނިޔޭގެ ފުޓްބޯޅަ މިހެންވެގެން ދާތީ."

އާސެނަލްއިން ލިވަޕޫލްގެ ތަރި ލުއިސް ސުއަރޭޒް ހޯދުމަށް މެދު ނުކެނޑި މަސައްކަތް ކުރަމުންގެންދާ މި ދަނޑިވަޅުގައި، ކުޅުންތެރިންނަށް ކިޔާ އަގުތައް އެގޮތަށް ބޮޑުވެގެން ދިއުމަކީ ސުއަރޭޒް ހޯދުމަށް ކުރާ މަސައްކަތުގައި އާސެނަލްއަށް އިތުރު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.

ވެންގާ ބުނީ ސުއަރޭޒް ހޯދުމަށް އެ ކްލަބުން ދެވަނަ ފަހަރަށް ބިޑް ކުރިއިރު ލިވަޕޫލުން އުއަރޭޒްއާ އެކު ހަދާފައިވާ އެއްބަސްވުމުގައިވާ 40 މިލިއަށް ޕައުންޑަށްވުރެ އެއް ޕައުންޑު އިތުރު ކުރީ، އެ އެއްބަސްވުން ރޫޅާލުމަށް ހުށަހެޅޭނޭ އެންމެ ކުޑަ އަގު ކަމަށްވާތީއެވެ. އެހެން ނަމަވެސް ލިވަޕޫލްގެ ގޮތް ދޫނުކުރުމުގެ ސަބަބުން ސުއަރޭޒް ދޫކޮށްލަން އެކްލަބުން އެއްބަސް ނުވުމުން ތިންވަނަ ބިޑެއް ހުށަހަޅަންވެސް އާސެނަލް އޮތީ ތައްޔާރަށް ކަމަށެވެ.

މިއަހަރު ފާހަގަ ކޮށްލެވޭ ޓްރާންސްފާ ތަކުގެ ތެރޭގައި، އެންމެ ބޮޑު ފީއެއް ދީފައިވަނީ، ފްރާންސްގެ ޕީއެސްޖީއިން އިޓަލީގެ ނަޕޯލީއަށެވެ. ނަޕޯލީގެ އެޑިންސަން ކަވާނީ ގެންދިއުމަށް ޕީއެސްޖީއިން ވަނީ، 57 މިލިއަން ޕައުންޑު ހަރަދު ކޮށްފަ އެވެ. އަދި އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ރަޑެމަލް ފަލްކާއޯ ގެންދަން މޮނާކޯއިން 53 މިލިއަން ޕައުންޑު ހަރަދު ކޮށްފައިވާއިރު، ސަންޓޯސްއިން ބްރެޒިލްގެ ތަރި ނޭމާ ގެންދިއުމަށް ބާސެލޯނާއިން ވަނީ، 50 މިލިއަން ޕައުންޑު ހޭދަކޮށްފަ އެވެ.

ވެންގާ ބުނީ، ރެއާލް އިން މިހާރުވެސް އިސްކޯއާއި، އެސިއާ އިޔަރަމެންޑީ ހޯދުމަށް މަލާގާއާއި ރެއާލް ސޮސީޑާޑަށް 26.5 މިލިއަން ޕައުންޑު ހަރަދު ކޮށްފައިވާއިރު 86 މިލިއަން ޕައުންޑުގެ ފީއަކަށް ބޭލް ގެނައުމަކީ ބޭކާރު ކަމެއްކަމަށް ބުނެފަ އެވެ.