03 Aug 2013, 12:08
ރާއްޖެ އަށް އެތެރެވާ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް އަވަށްޓެރި ގައުމުތަކުގައި ފުލުހުން ގާއިމްވެ ތިބެން ޖެހޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޕޮލިސް މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ފަރާތްތަކުން ގިނަ ފަހަރަށް އެކަންކުރަނީ އަވަށްޓެރި ގައުމުތަކުގެ މީސް މީހުންނާ ގުޅިގެން ކަމަށާއި އެފަރާތްތަކާ ގުޅޭ މައުލޫމާތު ސިޓީތައް މެދުވެރިކޮށް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެއީ އޮޕަރޭޝަނަލީ ވަރަށް ދަތި އުނދަގޫ ކަމެއް ކަމަށެވެ. އެގޮތުން އަންނަ އަހަރުން ފެށިގެން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގައި ފުލުހުން ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖެ އަށް ޑްރަގް ވަނަ ނު ދިނުމަށްޓައި އެބަޖެހޭ ވަރަށް ސްޓްރެޓެޖިކްކޮށް ވިސްނައިގެން މަސައްކަތް ކުރަން. މި ވިޔަފާރިއަކީ (މަސްތުވާތަކެތީގެ) މިހާރު ހަމައެކަނި ދިވެހިން ކުރާ ވިޔަފާރިއެއް ނޫން. ބޭރުގެ މީހުންނާ ގުޅިގެން ހިންގާ ވިޔަފާރިއެއް. އެއީ ބޭރުގެ އިންޑިއާ ނޫނީ ސްރީލަންކާގައި ތިބެގެން މި ވިޔަފާރިތައް ހިންގަމުން މިގެންދަނީ، އެހެންވެ މިކަންތައް ހައްލުކޮށް ހުއްޓުވުމަށް ފުލުހުން އެބަދާންޖެހޭ އިންޑިއާ އަދި ސްރީލަންކާ އަށް. އެތަންތަނުގެ ލޯ އެންޑް އެންފޯސްމަންޓްތަކާ ގުޅިގެން އެތަނުގައި މުހިންމު އޮޕަރޭޝަންތަކެއް ހިންގިގެން،" ރިޔާޒު ވިދާޅުވި އެވެ.
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތަކަށް ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ދެވޭ ފަރުވާ އާދަޔާ ހިލާފަށް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ޝިކާރައަށްވެފައި ތިބި ފަރާތްތަކަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާދެވޭނެ ނިޒާމްތަކެއް އަދި ރާއްޖޭގައި ނެތް ކަަމަށާއި އެ ނިޒާމް ވަރަށް ބޮޑަށް ހަރުދަނާކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭން ބޭރުން ތަޖުރިބާ ކާރު ބޭފުޅުންނާއި އާއި ރިސޯސަސް ބޭނުންކޮށްގެން ވެސް އެެކަންތައް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަށީގެންވާ ފަރުވާ ނުދެވި އަދަބު ލުއިކޮށްދިނުމުގެ ސަބަބުން އެފަދަ މީހުން އަނެއްކާ ވެސް ތަކުރާރުކޮށް ކުށްކުށަށް އަރައިގަންނަކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ ކުށްކުރާ މީހުންނަށް ހައްގު އަދަބު ލިބެން ޖެހޭ ކަމަށާއި އަދި އެފަދަ މީހުން ރީހެބިލިޓޭޓްވެގެން އަލުން މުޖުތަމައަށް ނެރެވޭނެ ނިޒާމެއް ވެސް އޮންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ ނިޒާމްތައް ވާންވާނީ ހަރުދަނާ ނިޒާމްތަކެއް ކަމަށާއި އެނިޒާމަކީ ހަމަ ހުރެފައި މީހުންނަށް އަދަބު ލުއިކޮށްދެވޭނެ ނިޒާމަކަށް ވެގެން ނުވާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
"އެމީހުން (ކުށްކުރާމީހުން9 ކުށެއް ކުރާއިރަށް ދެން މަސައްކަތް ކުރަންޖެހޭނީ ސަލާމަތް ކުރުމަކަށް ނޫން، އޭގެބަދަލުގައި މަސައްކަތް ކުރަންޖެހޭނީ އެމީހަކު އިސްލާހު ކުރެވޭތޯ،" ރިޔާޒު ވިދާޅުވި އެވެ.
ރާއްޖޭގައި އަމަލުކުރަމުން ގެންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް އެއަށް އިސްލާޙް ގެންނަންޖެހޭކަން ވެސް ރިޔާޒު ފާހަގަކުރެއްވި އެވެ.