ކުރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބޭއްވި އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލް ކޮމްޕެނީ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަކުން ކޯސްޓްލައިން އާއި ސޮނީ ހާޑްވެއާ މޮޅުވެއްޖެ އެވެ.

އިއްޔެގެ ފުރަތަމަ މެޗް މި ދިޔަ އަހަރުގެ ޗެމްޕިއަން ޕޭން އޯސަންއާއި ބައްދަލުކޮށް ހަތް ވިކެޓުން ކާމިޔާބުކުރީ ކޯސްޓްލައިންގެ ޓީމް އެވެ. ދެ ވަނަ މެޗް އެސްޓީއޯ އާއި ބައްދަލުކޮށް އަށް ވިކެޓުން ކާމިޔާބުކުރީ ސޮނީ ހާރޑްވެއަ އެވެ.

ފުރަތަމަ މެޗް ޓޮސް ދިމާވުމުން ޕޭން އޯސަން ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ ފަސް ކުޅުންތެރިން ނުބައިވެގެން އަށް އޯވަރުގެތެރޭގައި ހެދުނީ 73 ލަނޑު އެވެ. އެންމެ ރަނގަޅަށް ކުޅުނީ 19 ލަނޑުހެދި އިމްރާން އެވެ. ޖަވާބުގައި ކޯސްޓްލައިން ކުޅެންއަރާ ހަ އޯވަރުގެތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން 75 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ ދަރިސާމްއާއޮ ތެޖެރާމް އެވެ. ކޮންމެ ކުޅުންތެރިއެއް 20 ލަނޑުހެދި އެވެ.

ދެވަނަ މެޗް ޓޮސްދިމާވުމުން އެސްޓީއޯ ކުޅެންއަރާ އަށް އޯވަރުގެތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 63 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 15 ލަނޑު ހެދި އަލީމް އެވެ. ޖަވާބުގައި ސޮނީ ހާޑްވެއާ ކުޅެންއަރާ ފަސް އޯވަރުގެތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ 65 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑުހެދި ސިޔާމް އެވެ.

މުބާރާތުގައި މިއަދު ވެސް ދެމެޗް ކުޅޭނެ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސޮނީ ހާޑްވެއާ އާއި ޕޭން އޯސަން އެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ އެއާޕޯޓް ކޮމްޕެނީއާއި ކޭޕީ އެމް ޖީއެވެ. ކުޅުން ފެށޭނީ 16:10ގަ އެވެ. ކުޅުން ކުރިއަށް ދާނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގަ އެވެ.