03 Aug 2013, 11:46
ވެލެންސިޔާގެ ސްޕެއިން ފޯވަޑް ރޮބާޓޯ ސޮލްޑާޑޯ 26 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުގެ ޓޮޓެންހަމްއަށް ސޮއިކޮށްފި އެވެ.
ކްލަބް ރެކޯޑް ފީއަކަށް ޓޮޓެންހަމްއާ އަލަށް ގުޅުނު ސެންޓަ ފޯވަޑް، ސޮލްޑާޑޯގެ އިތުރުން ޓޮޓެންހަމްއިން ވަނީ މި ފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބޮޑުއަގުގައި އިތުރު ދެކުޅުންތެއަކުވެސް ހޯދާފައެވެ. އެގޮތުން، ކުރިން އެ ކްލަބުން އެންމެ ބޮޑު އަގެއް ދީގެން ގެނެސްފައިވާ ކުޅުންތެރިއަކީ، 17 މިލިއަން ޕައުންޑަށް އެ ކްލަބަށް ގެނައި ކޮރިންތިއާންސްގެ ބްރެޒިލް މިޑްފީލްޑަރު، ޕައުލީނިއޯއެވެ. އޭގެ އިތުރުން ޓޮޓެންހަމްއިން ވަނީ، 7 މިލިއަން ޕައުންޑުގެ ފީއަކަށް އެފްސީ ޓްވެންޓޭއިން ނޭސާ ޗެޑްލީވެސް ގެނެސްފަ އެވެ.
ސްޕެއިންގެ ގައުމީ ޓީމަށް 11 މެޗް ކުޅެފައިވާ، ސޮލްޑާޑޯ، 28، ވަނީ، މިދިޔަ ސީޒަންގައި ވެލެންސިޔާއަށް ކުޅުނު 46 ލީގު މެޗުގައި 30 ލަނޑު އެ ކްލަބަށް ކާމިޔާބު ކޮށްދީފަ އެވެ.
ސްޕެއިންގެ ވެލެންސިޔާއަށް އުފަންވި ނަމަވެސް ސޮލްޑާޑޯގެ ފުޓްބޯޅަ ކެރިއަރު ފެށިގެން ދިޔައީ ރެއާލް މެޑްރިޑްގެ ބީ ޓީމުގައެ އެވެ. އެގޮތުން އެކްލަބްގައި އޭނާ ކުޅުނު 120 މެޗުގައި 63 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ. އަދި ގަތެފޭގައި ކުޑަދުވަސްކޮޅެއް ހޭދަކުރުމަށްފަހު، މީގެ ތިން އަހަރު ކުރިން ވެލެންސިޔާއާ ގުޅުމަށްފަހު އެކުލަބަށް އޭނާކުޅުނު 146 މެޗުގައި 80 ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.
ޓޮޓެންހަމްއާ ގުޅުނުފަހުން ސޮލްޑާޑޯވަނީ، ރެއާލްއިން ގެންދަން މަސައްކަތްކުރާ ޓޮޓެންހަމްގެ ވޭލްސް ފޯވަޑް ގެރެތު ބޭލް އެ ކްލަބް ދޫކޮށް ނުދިއުމަށް އެދިފަ އެވެ.
"ބޭލްއަކީ މޮޅު ކުޅުންތެރިއެއް އަދި ފެންނާނެ ޓޮޓެންހަމްއިން އޭނާ ހިފަހައްޓަން ކުރާ މަސައްކަތް. އަހަރެން ބޭނުންވޭ އޭނާއާއެކު މި ޓީމުގައި ކުޅެން،" ސޮލްޑާޑޯ ބުންޏެވެ.