ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނުނިމި ލަސްވާތީ އެ މައްސަލަ އަނބުރާ ގެންގޮސްފި އެވެ.

ޖޭއެސްސީން ބުނީ އެ މައްސަލަ އަނބުރާ ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ 73 ވަނަ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްކުރުމުން ކަމަށެވެ.

މިދިޔަ އަހަރުގެ މެދުތެރޭގައި ޖޭއެސްސީން ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ލަސްވަމުން ދިއުމުގެ ސަބަބުން ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމުގެ ޕްރޮސެސް ހުއްޓިފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. ސަބަބަކީ އެ މަސައްކަތް ނުކުރުމަށް އެ ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ އެވެ.

ޖޭއެސްސީން ބުނީ ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުން ދިއުމުގެ ސަބަބުން ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ދަތިތައް ދިމާވެ، ރައްޔިތުންނަށް އަދުލުއިންސާފު ގާއިމްކޮށްދިނުމުގައި ދަތިތައް ކުރިމަތި ވަމުންދާކަން ކޮމިޝަނުގެ މެންބަރުންނަށް ފާހަގަ ކުރެވޭތީ އެ މައްސަލަ އަނބުރާ ގެންދިޔުމަށް ނިންމީ ކަމަށެވެ.

ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭގޮތުން ހުށަހެޅި އެ މައްސަލަ އަވަހަށް ނިންމައިދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ސުޕްރީމް ކޯޓުން އެކަން ކޮށްފައި ނުވާކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފަ އެވެ.

ޖޭއެސްސީން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ސުޕީރިއާ ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް 2011 ވަނަ އަހަރުގެ ޖުލައި މަހާއި އެ އަހަރުގެ އޯގަސްޓު މަހުގައި ޖޭއެސްސީން ކުރި އިއުލާނަށް އިޖާބަދީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް ކުރިމަތިލާފައިވާ މީހުން ޖޭއެސްސީން ޝޯޓުލިސްޓްކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅުމުންނެވެ.

ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ގިނަ ގާނޫނީ ވަކީލުންތަކެއް ގުޅިގެނެވެ.