03 Aug 2013, 11:14
ޤާހިރާ (އޮގަސްޓް 3): މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ޤާހިރާގައި އިޙްތިޖާޖްތައް ކުރަމުން ގެންދާ މައިދާންތައް، މިސްރުގެ ސަލާމަތީ ބާރުތަކުން ވަށާލައި ޙިސާރު ކުރަމުންދާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މިސްރުގެ ސަލާމަތީ ބާރުތަކުން ގެންދަނީ މުރުސީ އަށް ތާއީދުކުރާ ބައިލައްކައެއްހާ މީހުން އެއްވެފައިވާ ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނަށް އިތުރު މީހުން ވަނުމުގެ ފުރްސަތު ނުދިނުމަށް މަސައްކަތް ކުރަމުންނެވެ. މިކަންކުރަން ފަށާފައި މިވަނީ މި ދެ މައިދާން ދޫކޮށް ދިޔުމަށް މިސްރުގެ ވަގުތީ ސަރުކާރުގެ ދާޚިލީ ވުޒާރާ އިން މުރުސީ އަށް ތާއީދުކުރާ ފަރާތްތަކަށް އިންޒާރު ދިނުމަށްފަހުގަ އެވެ. މިއިންޒާރުގައި މިސްރުގެ ދާޚިލީ ވުޒާރާއިން ވަނީ މުރުސީ އަށް ތާއީދުކުރާ ބައިލައްކައެއްހާ މީހުންތިބި ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާން ބާރުގެ ބޭނުންކޮށްގެން ވެސް ހުސްކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ދެ މައިދާން ހުސްކުރުމަށް ސުންގަޑިއެއް ކަނޑައަޅާފައިނުވާނެ ކަމަށް ދާޚިލީ ވުޒާރާގެ ތަރްޖަމާން ހާނީ ޢަބްދުއްލަތީފް ވިދާޅުވެފައިވެ އެވެ.
މުރުސީ ވެރިކަމުން ދުރުކުރުމަށް ފަހު މިސްރުގެ ސިފައިންގެ ބެލުމުގެ ދަށުން އުފައްދާފައިވާ ވަގުތީ ސަރުކާރަށް ތާއީދުކުރާ ސަލަފީ ޕާޓީ އެއްކަމަށްވާ ނޫރު ޕާޓީން ވަނީ ޑރ. މުރުސީ މަޤާމުން ދުރުކުރުމާ ގުޅިގެން މިސްރުގައި އުފެދިފައިވާ ސިޔާސީ ގަޑުބަޑު، ބާރުގެ ބޭނުންކޮށްގެން ޙައްލު ކުރުމަށް ވަގުތީ ސަރުކާރުން ގެންގުޅޭ އުސޫލުތަކާ ދެކޮޅު ހަދާފަ އެވެ. އެ ޕާޓީން ސަރުކާރަށް ގޮވާލާފައިވަނީ ބާރުގެ ބޭނުންކުރުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން މައްސަލަ ޙައްލު ކުރުމަށް ވަގުތީ ސަރުކާރަށް ގޮވާލާފަ އެވެ. އަދި މުރުސީ ވެރިކަމުން ދުރުކުރުމަށް ތާއީދުކުރި އަލްއަޒްހަރު ޔުނިވަރސިޓީން ވެސް ވަނީ މިސްރުގައި އުފެދިފައިވާ ސިޔާސީ ގަޑުބަޑު، ބާރުގެ ބޭނުންކޮށްގެން ޙައްލު ކުރުމަށް ވަގުތީ ސަރުކާރުން ދެމުންގެންދާ އިންޒާރުތަކަކީ ބަލައިގަނެވޭނެ އިންޒާރު ތަކެއްނޫން ކަމަށް ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި އިއްޔެގެ ހުކުރު ނަމާދަށްފަހު ވެސް ޤާހިރާގެ 30 ސަރަހައްދެއްގައި މުޒާހަރާތައް ފެށިގެން ގޮސްފައިވެ އެވެ. މިމުޒާހަރާތަކުގައި ބައިވެރިވި ފަރާތްތައް އެންމެފަހުން ބައިވެރިވެފައި ވަނީ ޤާހިރާގެ ރާބިޢާއަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މީގެ މަހެއްހާ ދުވަސްކުރިން ފެށިގެން މުޒާހަރާ ކުރަމުންގެންދާ މުރުސީގެ ސަޕޯޓަރުންނާ ކަމަށް ޚަބަރު ލިބެ އެވެ. މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާއި މިސްރުގެ ސަލާމަތީ ބާރުތަކާ ދެމެދު އިއްޔެ ހިނގި ކުރިމަތިލުންތަކުގައި މުރުސީއަށް ތާއީދުކުރާ 30 މީހަކު ޒަޚަމްވެފައިވެ އެވެ. (އަލްޖަޒީރާ)