03 Aug 2013, 11:06
އުފަންވި އިރު މޫނުމަތީ ލަފެއް ހުރި ދ. މީދޫ ސްކޫލުގެ ޕްރައިމަރީ ޓީޗަރު އަހްމަދު ޝަރީފްގެ ދަރިފުޅުގެ ބޭސްފަރުވާ އަށް އެހީތެރިވެ ދިނުމަށް ޓީޗާސް އެސޯސިއޭޝަނުންގެ ފަރާތުން ކުރި މަސައްކަތުން ޓީޗަރުންގެ ފަރާތުން އެއްކުރި 35،817 ރުފިޔާ ޝަރީފުގެ އެކައުންޓަށް ޖަމާކޮށްދީފި އެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު އަހުމަދު ޝަރީފަށް ލިބުނު ދަރިފުޅު، އާއިޝަތު ޝަނާޔާ ޝަރީފުގެ މޫނުގެ އޮޕަރޭޝަން ކުރަން ޖެހުމާ ގުޅިގެން އެ ކުއްޖާ އަށް އެހީ ހޯދުމަށް ޓީޗާސް އެސޯސިއޭޝަނުން ކުރި މަސައްކަތުގައި އެހީތެރިވެދިން ޓީޗަރުންނަށް ޝުކުރުއަދާކުރުމަށް މިއަދު އެ ޖަމިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޓީޗަރުންގެ ފަރާތުން ލިބުނު ފައިސާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި އަދި މިހާރު ފައިސާ ހޯދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.
އެއް ލައްކަ ރުފިޔާ ހަދިޔާ ކޮށްދިނުމަށް ޓީޗަރުންގެ ފަރާތުން ހިންގި ހަރަކާތް ވަކި ހިސާބަކުން ހުއްޓާލީ، އެ ޖަމިއްޔާ އިން ބުނި ގޮތުގައި، އެ ކުއްޖާގެ ބޭސްފަރުވާ އަށް ހިނގާ ހުރިހާ ޚަރަދެއް ދެއްވަން ސަން ހޮޓެލްސް އެންޑް ރިސޯޓްސް އަދި ސަން ފައުންޑޭޝަންގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު ނިންމެވުމުން އިިތުރަށް ފައިސާ ހޯދުމަށް މަސައްކަތް ނުކުރުމަށް އަހްމަދު ޝަރީގް އެ ޖަމިއްޔާ އަށް އެންގުމުން ކަމަށެވެ.
ވިހޭ އިރު މޫނުމައްޗާއި ބޮލާވީ ހިސާބުގައި އާދަޔާ ޚިލާފު ބޮޑު ލަފެއް ހުރި ކުއްޖާގެ ބޭސްފަރުވާ އަށް ހިނގާ ހުރިހާ ޚަރަދެއްގެ ކަންތައް ހަމަޖައްސަވަނީ ސިޔާމެވެ.